ދާދި ފަހުން ސޯޝަލް މީޑިއާ ދޫކޮށްލި ބޮލީވުޑް ބަތޮލް އާމިރު ހާން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

އާމިރު ހާންގެ ފަރާތުން ސޯޝަލް މީޑިއާގައި މިކަން އާންމު ކުރީ، އޭނާގެ ތަރުޖަމާނު މެދުވެރިކޮށެވެ. އެ ބަޔާނުގައި ވާ ގޮތުން، އާމިރު ހާން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ހުރީ ގޭގައި، "ސެލްފް-ކަރަންޓީން"ގައެވެ. ޖުމުލަ ގޮތެއްގައި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ހަބަރު ލިބެއެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ފާއިތުވީ ދުވަސްތަކުގައި އޭނާއާ ބައްދަލުވީ ހުރިހާ އެންމެންވެސް ކޮވިޑަށް ޓެސްޓު ކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

އާމިރު ހާން ސޯޝަލް މީޑިއާ ޕްލެޓްފޯމް ދޫކޮށްލިކަން އިއުލާން ކުރީ އޭނާގެ އުފަން ދުވަހާ ގުޅިގެން، މިމަހުގެ މެދަކާ ހިސާބުގައެވެ.

ޒާތީ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ދެން ޕޯސްޓު ނުކުރި ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި، ވަކި މަޝްރޫއަކާ ގުޅިގެން އޭނާގެ ފޭނުންނާ މުއާމަލާތު ކުރަން ޖެހިއްޖެ ހިނދެއްގައި، އެ ކަން ކުރާނީ، އޭނާގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ، އާމިރު ހާން ޕްރޮޑަކްޝަންސްގެ ސޯޝަލް މީޑިއާ ޕްރޮފައިލުން ކަމަށްވެސް އާމިރު ހާން ވަނީ ބުނެފައެވެ.

އާމިރު ހާންގެ ހުނަރު ދެން އެންމެ އަވަހަށް ފެންނާނީ "ލާލް ސިންހް ޗައްދާ" އިން ކަމަށް މައުލޫމާތު ލިބެއެވެ. މިއަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައި ވާ މި ފިލްމަކީ، 1994 ވަނަ އަހަރުގެ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ. މި ފިލްމުގެ ޝޫޓިންގްގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ އާމިރު ހާން ރަނގަޅު ވުމުން ކަމަށް ހަބަރު ލިބެއެވެ.