ރ. އުނގޫފާރަށް މި މަހުގެ 2 ވަނަ ދުވަހުގެ ފަހުން ދަތުރު ކުރި މީހަކު ރ. ހުޅުދުއްފާރުން ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށް ހާލަަތަށް ބަދަލުކޮށްފިއެވެ.

ހުޅުދުއްފާރު މޮނިޓަރިން އަށް ލާފައިވާ އިރު އުނގޫފާރަށް ދަތުރުކުރި މީހަކު މަޑުއްވަރީން ޕޮޒިޓިވްވުމުން އެރަށް ވެސް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް އަލީ ޖާވިދު ވިދާޅުވީ، އެ ރަށަށް މީހުން އަރާ ފޭބުން މަނާކޮށް އެޗްޕީއޭއިން ލިޔުން ދީފައި ވަނީ އެ ރަށުން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. މި މަހުގެ 2 ވަނަ ދުވަހުގެ ފަހުން ރ. އުނގޫފާރަށް އެ ރަށުން ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ 100 އަސް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި މިއަދު ޕޮޒިޓިވްވި ކަމަށް މައުލޫމާތު ލިބިފައިވަނީ އޭގެތެރެއިން މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އުނގޫފާރަށް ދިޔަ ލިސްޓުގައި ތިބި އެންމެންގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ހުޅުދުއްފާރު މޮނިޓަރިން ހާލަތަށް ބަދަލު ކުރުމާއެކު އެ ރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާ އެ ރަށުގައި ކޮވިޑް ކޭސް ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ.

ހުޅުދުއްފާރު މޮނިޓަރިންއަށް ލާފައި ވަނީ އުނގޫފާރު ކްލަސްޓާއާ ގުޅިގެންނެވެ. ހުޅުދުއްފާރާއެކު މިހާރު ރާއްޖޭގައި މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ އަދަދު މި ވަނީ 13 އަށް އަރާފައެވެ. އެއީ ނ. ޅޮހި، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ގއ. ވިލިނގިލިއެވެ.