އިނގިރޭސިވިލާތުގެ ފަންނުވެރިޔާ ސާޝާ ޖެފްރީ ތައްޔާރު ކުރި، ދުނިޔޭގެ އެންމެ ބޮޑު ކުރެހުން، 45 މިލިއަން ޕައުންޑަށް ވިއްކާލައިފިއެވެ.

ދުބާއީގައި ފަޅަށް ހުރި ހޮޓަލެއްގެ ބޯލްރޫމްގައި، 1600 އަކަ މީޓަރު ނުވަތަ 17000 އަކަ ފޫޓުގެ މި ކުރެހުން ތައްޔާރު ކުރުމަށް، ޖެފްރީ ވަނީ 8 މަސް ދުވަސް ހޭދަ ކޮށްފައެވެ.

ޖެފްރީ ވިސްނަގައިގެން ހުރީ 70 ބަޔަކަށް މި ކުރެހުން ބައިކޮށްގެން ވިއްކާށެވެ. ނަމަވެސް ފަރަންސޭސިވިލާތަށް ނިސްބަތްވާ، ޒަމާނީ ކްރިޕްޓޯކަރަންސީ ވިޔަފާރިވެރިއެއް ކަމަށްވާ އާންޑްރާ އަބްދޫން ވަނީ، މުޅި މަސައްކަތް އެއްކޮށް ގަނެފައެވެ.

މި ވިޔަފާރިއަކީ، ދިރިހުރި ފަންނުވެރިއަކު އެންމެ ބޮޑު އަގެއްގައި މަސައްކަތެއް ވިއްކާލުމުގެ ވިޔަފާރިތަކުގެ ލިސްޓުންވެސް ޖާގަ ހޯދާ ވިޔަފާރިއެކެވެ.

ޖެފްރީ ބުނި ގޮތުގައި ކުރެހުން ވިއްކާލައިގެން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ކުޑަކުދިންނަށް އެހީދޭ ޖަމިއްޔާތަކަށް ކަމަށެވެ. އޭގެ ތެރޭގައި ޔުނިސެފްއާއި ޔުނެސްކޯވެސް ހިމެނެއެވެ.