ރ. އުނގޫފާރަށް ކ. ދިއްފުށިން ދަތުރުކުރި 30 މީހުންގެ ތެރެއިން 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ދިއްފުށި މޮނިޓަރިން ހާލަަތަށް ބަދަލު ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ދިއްފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުބައްސިރު ވިދާޅުވީ، އެ ރަށަށް ދަތުރު ކުރި މީހުން ދެނެގަނެ 30 މީހަކު ކަރަންޓިން ކޮށްފައި ވާއިރު އެ އެންމެންގެ ނަތީޖާވެސް ލިބިފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން 2 މީހެއްގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެމީހުންނަކީ ބޭސްފަރުވާއަށް ރ. އުނގޫފާރަށް މި މަހުގެ 3 ވަނަ ދުވަހު ދިޔަ ދެމީހުން ކަމަށާއި އެމީހުން އެނބުރި ރަށަށް އައިސްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށް މުބައްސިރު ވިދާޅުވިއެވެ.

ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް އެއް އާއިލާއެއްގެ ދެމީހުންނެވެ. އެއީ އަންހެނަކާއި ކުޑަކުއްޖެކެވެ. އަދި ސާމްޕަލް ނެގުމުގެ ކުރިން ބަލީގެ އެއްވެސް އަލާމާތެއް އެމީހުންގެ ގައިން ނުފެންނަ ކަމަށް މުބައްސިރު ވިދާޅުވިއެވެ.

ރ. އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އެޗްޕީއޭއިން ބުނެފައި ވަނީ، އުނގޫފާރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާތީ، މާޗް 2. 2021 ގެ ފަހުން އެރަށުގައި އުޅެފައި، އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށެވެ.

މިއަދު ދިއްފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވާއިރު މިއަދު ވަނީ ކ. ހުރާވެސް މޮނިޓަރިންގެ ހާލަަތށް ބަދަލުކޮށްފައެވެ. ހުރާ މޮނިޓަރިން އަށް ލާފައި ވަނީ އެރަށުން މާލެ އަށް ބަދަލުކުރަން އުޅުނު ބަލި މީހެއް ކޮވިޑަށް ޓެސްޓު ކުރި އިރު ނަތީޖާ ޕޮޒިޓިވް ވުމުންނެވެ.

ދިއްފުއްޓާއެކު މިހާރު މޮނިޓަރިން ހާލަަތަށް ބަދަލުކޮށްފައި ހުރި ރަށްތަކުގެ އަދަދު މި ވަނީ 10 އަށް އަރާފައެވެ. އެއީ ނ. ޅޮހި، ރ. އުނގޫފާރު، ޅ. ނައިފަރު، ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، އަދި ދ. މީދޫއެވެ.