ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ސަބަބުން ރޯދަ ނުގެއްލޭނެ ކަމަށް، ސައުދީގެ އިސް މުފްތީ، އަދި ކައުންސިލް އޮފް ސީނިއާ ސްކޮލާޒްގެ ޗެއާމަން، އަދި ޖެނެރަލް ހެޑް އޮފް އެކަޑެމިކް ރިސާޗް އެންޑް އިފްތާ، ޝައިހް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އަލް ޝައިހް ވިދާޅުވެއްޖެއެވެ.

ސައުދީގެ މުފްތީއާ ހަވާލާދީ، ހަރަމައިންޝަރީފައިންއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ކޮވިޑް ވެކްސިން ޖަހައިގެން ރޯދަ ނުގެއްލެނީ، އެއީ ކާބޯތަކެތީގެ މާނާގައި ބޭނުން ކުރާ އެއްޗަކަށް ނުވެފައި، އެއީ މަސްގަނޑަކަށް ޖަހާ ވެކްސިނަކަށް ވުމުން ކަމަށެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ރޯދަ ނުގެއްލޭނެ ކަމަށް އިނގިރޭސިވިލާތުގެ އިސްލާމިކް މެޑިކަލް ގްރޫޕުތަކުން މިމަހު ކުރީކޮޅުވެސް ވަނީ ބުނެފައެވެ. އެ މީހުންގެ ހުއްޖަތަކީވެސް، މި ވެކްސިނަކީ މަސްގަނޑަށް ޖަހާ ވެކްސިނަކަށް ވުމެވެ. އެމެރިކާގެ މުސްލިމު ގުރޫޕުތަކުގެ ރައުޔަކީވެސް މިއީއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ރޯދަ ގެއްލިދާނެ ތޯ ކުރަމުންދާ ސުވާލުތަކަށް، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައި ވާ ކަން އަދި ސާފެއް ނުވެއެވެ.

ރޯދަމަހު ކޮވިޑް-19 ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާނީ ރޭގަނޑުގެ ވަގުތުގައި ކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މިމަހުގެ ކުރީކޮޅު، އިއުލާން ކޮށްފައެވެ.