ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ، އުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ހަށިގަނޑުގައި، އެނޫން އުމުރު ފުރާތަކުގެ ކުދިންނާއި ބޮޑެތި މީހުންނާ އަޅާ ބަލާއިރު، ގިނަ އަދަދަކަށް އެންޓިބޮޑީޒް އުފައްދާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖާމާ ނެޓްވޯކް އޯޕަންގައި ޝާއިއު ކޮށްފައި ވާ ކަރުދާހުގައި ބުނެފައި ވާ ގޮތުގައި، މިއީ ކޮވިޑް-19 ޖެހޭ ކުޑަކުދިންގެ ހާލު، އާންމު ގޮތެއްގައި ސީރިއަސް ނުވާ ސަބަބު އަންގައިދޭ ކަމެއް ކަމަށެވެ. ނަމަވެސް، މިއީ އަދިވެސް ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރިއަށް ދާ އިމެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ވޭއިލް ކޯނެލް މެޑިސިންގެ ޓީމުން ދިރާސާއަށް މައުލޫމާތު އެއްކުރީ، އެމެރިކާގެ ނިއުޔޯކް ސިޓީގައި، އޭޕްރިލް 2020 އިން އޯގަސްޓް 2020 އާ ދެމެދު ހެރި، 32000 އެންޓިބޮޑީ ޓެސްޓުތަކުންނެވެ. މި ޓެސްޓުތަކުން 1200 ކުޑަކުދިންނާއި 30000 ބޮޑެތި މީހުންނަށް މާޒީގައި ކޮވިޑް-19 ޖެހިފައި ހުރި ކަމަށް ދެއްކިއެވެ. ދިރާސާ ކޮށްފައި ވަނީ ޕޮޒިޓިވް ވި ކޭސްތަކެވެ. އެއީ 85 ކުޑަ ކުދިންނާއި 3648 ބޮޑެތި މީހުންނެވެ.

ހަށިގަނޑުގައި އެންޓިބޮޑީޒް ހުރި މިންވަރަށް ބަލާއިރު، އުމުރުން 1 އަހަރާއި 10 އަހަރާ ދެމެދު 32 ކުއްޖެއްގެ ހަށިގަނޑުން އެންޓިބޮޑީޒް ފެނުނު މިންވަރު، އުމުރުން 19 އަހަރާއި 24 އަހަރުގެ 127 ޒުވާނުންނަށް ވުރެ 5 ގުނަ އިތުރެވެ.

މިކަން މިހެން މެދުވެރިވަނީ އުމުރާ ގުޅިގެން ދިފާއީ ނިޒާމުން އިޖާބަދޭ ގޮތެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ބުނެވެއެވެ. ނަމަވެސް ބަލި ޖެހޭ ބޮޑެތި މީހުންގެ ހާލު ސީރިއަސްވާ މިންވަރު އިތުރުވާން ދިމާވާ ސަބަބެއް އަދިވެސް ކަށަވަރެއް ނުކުރެވެއެވެ.