ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހަށް ބަދަލު އައިސް، ހަލުވި ދުވެލީގައި އާ ވޭރިއަންޓްތައް ފެތުރެމުން ދާއިރު، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މިފަދަ ވޭރިއަންޓްތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ޓެސްޓު ކުރަން ފަށައިފިއެވެ.

"ޖީނޯޓައިޕް އެސޭ ޓެސްޓިންގް"ގެ ނަން ދީފައިވާ މި ޓެސްޓަކީ، ޓެސްޓު ކުރާ ސާމްޕަލްގައި، ކޮވިޑް-19ގެ ވޭރިއަންޓެއްގެ އަސަރު ހުރިކަން އަންގައިދޭ ޓެސްޓެކެވެ. މިއީ މިހާރު ބައްޔަށް ޓެސްޓު ކުރުމަށް ބޭނުން ކުރާ އާންމު އުސޫލުތަކުގެ އިތުރުން، ހަލުވި ދުވެލީގައި ކޭސްތައް ދެނެގަތުމަށް ބޭނުން ކުރެވިދާނެ ޓެކްނޮލިޖީއެކެވެ.

"ޖީނޯޓައިޕް އެސޭ ޓެސްޓިންގް" ޓެސްޓު ކުރަމުން ދަނީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ ޓެސްޓް އެންޑް ޓްރޭސް ލެބްތަކުގައެވެ.

މި ޓެކްނޮލޮޖީއަކީ މިހާރަށް ވުރެ އަވަހަށް ވޭރިއަންޓްތައް ދެނެގަނެވި، ކޭހެއް ދެނެގަތުމަށް ހޭދަވާ ވަގުތު ދެބައިކުޅަ އެއްބައި ކުޑަ ކޮށްދޭ ޓެކްނޮލޮޖީއެކެވެ. މިހާރު ޖެނޯމިކް ސީކުއަންސިންގް ހެދުމަށް 4-5 ދުވަސް ހޭދަވެއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ، އަމާޒަކީ، ކޮވިޑަށް ޕޮޒިޓިވްވާ ކޮންމެ ސާމްޕަލެއް، ވޭރިއަންޓްތަކަށް ޓެސްޓު ކުރުން ކަމަށެވެ. މިއާއެކު ކޭސްތައް އަވަހަށް ދެނެގަނެވި، އެކަހެރި ކުރަން ޖެހޭ ފަރާތްތައް އެކަހެރި ކުރުން ފަދަ މަސައްކަތްތައް ހަލުވު ދުވެލީގައި ކުރިއަށް ދާނެ ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.