ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ހާލު ސީރިއަސްވުމާއި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމުގެ ނަޒަރިއްޔާއިން ބަލާއިރު، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން އެ ކުންފުނިން ތަރައްގީ ކުރި ވެކްސިނަކީ 100 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަން އަސްޓްރާޒެނީކާ ކުންފުނިން ހާމަކޮށްފިއެވެ.

އަސްޓްރާޒެނީކާއިން މިކަން ހާމަ ކުރީ، އެމެރިކާގައި ކުރިއަށް ގެންދިޔަ 3 ވަނަ މަރުހަލާގެ ތަހުލީލުތައް ނިންމާލުމަށް ފަހުގައެވެ.

އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ސަބަބުން، ލޭ ގަނޑުވުމުގެ ނުރައްކާ ކުރިމަތިވާ ކަމުގެ ވާހަކަތަކެއް ފެންމަތިވެ، ވިލާތުގެ ބައެއް ގައުމުތަކުން މި ވެކްސިން ބޭނުން ކުރުން މަޑުޖައްސާލާފައި ވަނިކޮށް، އެމެރިކާގައި ކުރިއަށް ގެންދިޔަ ތަހުލީލުތައް ނިންމާލުމަށްފަހު އަސްޓްރާޒެނީކާ ކުންފުނިން ބުނީ، އެ ކުންފުނީގެ ވެކްސިނަކީ ދޮށީ އުމުރުގެ މީހުންނަށް ބަލާއިރު، 80 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށާ، މި ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

ޖުމުލަ ގޮތެއްގައި މުޅި އާބާދީއަށް ބަލާއިރު، ކޮވިޑް-19 ޖެހި އަލާމާތްތައް ފެނުމުން، 79 ޕަސެންޓް ދުރުކޮށްދޭ ކަމަށްވެސް އަސްޓްރާޒެނީކާ ކުންފުނިން ވަނީ ބުނެފައެވެ.

32449 މީހަކު ބައިވެރިކޮށްގެން އެމެރިކާގައި ކުރިއަށް ގެންދިޔަ 3 ވަނަ މަރުހަލާގެ ތަހުލީލުތަކުގައި، ބައިވެރިންގެ 3 ބައިކުޅަ 2 ބައި މީހުންނަށް އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ދިނެވެ. މީގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. އަދި 60 ޕަސެންޓް މީހުންނަކީ، ކޮވިޑް-19 ޖެހުމުން ނުރައްކާ ވެދާނެ ފަދަ ހާލެއްގައި ތިބި މީހުންނެވެ.