އިންފޮމޭޝަން ކޮމިޝަނާ އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސްގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 1:30އަށް ރައީސްގް އޮފީހުން ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުންނާއި ރައީސް އޮފީހުގެ ވެބްސައިޓު، www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވައިފައި ވަނީ އިއްޔެއެވެ. ފިޔާޒް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު، އޭނާ ވަނީ އެ މަގާމުގައި ހުންނަވާ އަމިއްލަ ނޫހެއް އުފައްދަވާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނަވާ އަމިއްލަ ނޫހެއް އުފައްދަވާފައި ވާއިރު، މަގާމުގެ މަސްލަހަތު ތަކެއް އޮތް ނަމަވެސް، އެކަމާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ސަމާލުކަމެއް ދީފައެއް ނުވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ފިޔާޒް މިއަދު އިސްތިއުފާ ދެއްވި އިރު އޭނާ އެ މަގާމު ފުރުއްވީ އެއް އަހަރާއި 7 މަސް ދުވަހަށެވެ. ރައީސުލްޖުމްހޫރިއްޔާ، އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އޮކްޓޫބަރު، 31 2019 ގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ހާދިމެކެވެ.