އިހު އުޅުނު އާންމު ދިރިއުޅުމަށް ދިއުމުގެ ކުރިން، މާސްކު އަޅާ، ޖިސްމާނީ ގޮތުން އެކަކު އަނެކަކާ ގައިދުރު ކޮށްގެން އަދި އެތައް އަހަރެއް ހޭދަ ކުރަން ޖެހިދާނެ ކަމަށް ފުންނާބު އުސް އެޕިޑެމިއޮލިޖިސްޓަކު އިންޒާރު ކުރައްވައިފިއެވެ.

ޕަބްލިކް ހެލްތު އިންގްލަންޑްގެ ހެޑް އޮފް އިމިއުނައިޒޭޝަން، ޑރ މޭރީ ރެމްޒީ ވިދާޅުވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ދިނުމުގެ މަސައްކަތްތައް، އެހެން ގައުމުތަކުން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމާ ހަމައަށް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދަންމާލަން ޖެހިދާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ކުޅި ބަލަން ވަންނަ އުސޫލުން ހިންގާ ޕްރޮގްރާމްތަކަކީވެސް ވަރަށް ގާތުން މޮނިޓާ ކޮށްގެން، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވީހާވެސް ސާފު ކޮށްދީގެން ކުރިއަށް ގެންދާ އިވެންޓްތަކަކަށް ވާން ޖެހޭނެ ކަމަށްވެސް ޑރ ރެމްޒީ ވިދާޅުވިއެވެ.

ޑރ ރެމްޒީ ވިދާޅުވީ މާސްކު އެޅުމާއި ޖިސްމާނީ ގައިދުރުކަމަކީ މިހާރު މީހުން ބަލައިގެންފައިވާ ކަންކަން ކަމަށާ، މި ފިޔަވަޅުތަކުގެ ސަބަބުން، އިގުތިސޯދުގެ ހިނގުމަށްވެސް ހުރަސް އެޅިފައި ނުވާ ކަމަށެވެ. މި މޭރުމުން ޑރ ރެމްޒީ ވިދާޅުވީ، މާ އަވަހަށް ފިޔަވަޅުތަކަށް ދޫ ނުދިނުމަށް ސަމާލު ވާން ޖެހޭ ކަމަށެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19 އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ވެކްސިން ކެމްޕޭންތައް ކުރިއަށް ގެންދާ ދަނޑިވަޅެކެވެ. ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމުގައި ވީ ނަމަވެސް، މިއީ އެއް ފަހަރުން ނިމޭނެ ކަމެއް ކަން ނުވަތަ މިއީ ކޮންމެ އަހަރަކުވެސް ހިންގަން ޖެހިދާނެ މަޝްރޫއެއް ކަން އަދި ސާފެއް ނުވެއެވެ.