ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބޭރު ކޮށްފައި ވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވަރަށް އަވަހަށް ސޯޝަލް މީޑިއާއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އޭނާގެ މުޝީރު، ޖޭސަން މިލާ ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސްއަށް މައުލުމާތު ދެއްވަމުން މިލާ ވިދާޅުވި ގޮތުގައި، ޓްރަމްޕް، ސޯޝަލް މީޑިއާއަށް އެނބުރި ވަޑައިގަންނަވާނީ، އޭނާގެ އަމިއްލަ ޕްލެޓްފޯމެއްގައެވެ. އަދި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޓްރަމްޕް އެނބުރި ވަޑައިގަންނަވާނެ ކަމަށްވެސް މިލާ ވިދާޅުވިއެވެ.

މިލާ ވިދާޅުވީ ޓްރަމްޕްގެ ޕްލެޓްފޯމަކީ ސޯޝަލް މީޑިއާގެ އެންމެ ފޯރިގަދަ ޕްލެޓްފޯމަށް ވެގެންދާނެ ކަމަށާ، އެއީ މުޅި މަސްރަހު ބަދަލު ކޮށްލާނެ ޕްލެޓްފޯމަކަށް ވާނެ ކަމަށްވެސް މިލާ ވިދާޅުވިއެވެ.

ޓްވިޓާއާއި ފޭސްބުކްއިން ޓްރަމްޕް ސަސްޕެންޑް ކުރީ، މިއަހަރުގެ ޖެނުއަރީ މަހު، އެމެރިކާގެ ކެޕިޓޮލް ބިލްޑިންގް ސަރަހައްދުގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ޖަރީމާތަކާ ގުޅިގެންނެވެ. ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު، ވޯޓަރުންނާ މުހާތަބު ކުރެއްވުމަށް ޓްރަމްޕް އެންމެ އާންމު ގޮތެއްގައި ބޭނުން ކުރެއްވީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކެވެ.