ކުދާއީ މައްކާގައި ހިންގަމުން ދިޔަ ޒަމްޒަމް ފެން ސަޕްލައި ކުރުމުގެ މަޝްރޫއު، މެދުކަނޑާލާފައި އޮތުމަށްފަހު، އަންނަ އަންގާރަ ދުވަހު އަލުން ފެށުމަށް ހަމަޖެހިފައި ވާކަމަށް ހަބަރު ލިބިއްޖެއެވެ.

ޒަމްޒަމް ފެން ސަޕްލައި ކުރުމުގެ މަޝްރޫއު، މިދިޔަ އަހަރު ވަގުތީ ގޮތުން މަޑުޖައްސާލީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ހަރަމައިން ޝަރީފައިންއިން ހަބަރު ދޭ ގޮތުގައި، ކުދާއީ މައްކާގައި އޮޕަރޭޓް ކުރާ ޒަމްޒަމް ވޯޓާ ޕްރޮޖެކްޓް ހިންގާނީ ކޮންމެ ދުވަހަކުވެސް މެންދުރު ފަހު 01:00 އިން 09:00 އަށް ކަމަށެވެ. އަދި އެތަނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށްވެސް، 5.5 ރިޔާލަށް ފުޅިއެއްގެ މަގުން، އެންމެ ގިނަ ވެގެންވެސް ލިބޭނީ 4 ފުޅި ކަމަށް މައުލޫމާތު ލިބެއެވެ.

ޒަމްޒަމް ފެނަކީ، އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2000 (ދެހާސް) އަހަރު ކުރިން ދުނިޔޭން ފާޅު ކުރެއްވި ބަރަކާތްތެރި ފެނެކެވެ. ޒަމްޒަމް ވަޅު ހުންނަނީ ދުނިޔޭގެ އެންމެ މާތް ބިމުގެ އެންމެ މާތް ތަން ކަމުގައިވާ މައްކާގެ މާތް ވެގެންވާ ކައުބާގެ އިރުން، ކައުބާ އާ 20 މީޓަރު ދުރުގައެވެ.