ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާލާސްކަންފުޅާ އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާ ޕާކިސްތާނުގެ ގުޅުން، ސުލްހައިގެ އިމަށް ލެނބެމުން ދާ ފަދަ ސިލްސިލާ ސިގުނަލްތަކެއް ލިބެމުންދާ މި ދަނޑިވަޅުގައި، އިމްރާން ޓެގް ކުރައްވާ، މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިމްރާނަށް ހެޔޮ އެދުންތައް އަރިސް ކުރައްވާ ކަމަށާ، ވީ އެންމެ އަވަހަކަށް، ކޮވިޑް-19ގެ އާލާސްކަންފުޅުން ސަލާމަތްވެވަޑައިގަތުން އެދިވަޑައިގަންނަވާ ކަމަށެވެ.

އިމްރާން ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންނެވި ކަން، ސިއްހީ ކަންކަމުގައި ބޮޑުވަޒީރަށް ލަފާ އަރުވާ ހާއްސަ އެހީތެރިޔާ، ފައިސަލް ސުލްތޯން އިއުލާން ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. އިމްރާން ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޖައްސަވާފައެވެ.

ހުކުރު ދުވަހު އިމްރާން ވެކްސިން ޖައްސަވާފައި ވާއިރު، ބޭނުން ކުރެއްވީ ޗައިނާގެ ސީނޯފާމް ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ. ވެކްސިން ޖެއްސެވި ދުވަހުވެސް ކޮވިޑް-19ގެ އަލާމާތްތައް އިމްރާންގެ ހަށިކޮޅުން ފެނުނު ކަމަށް ހަބަރު ލިބެއެވެ.

އިމްރާންގެ އާލާސްކަންފުޅާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ހާއްސަ މެސެޖެއް ފޮނުއްވާފައެވެ. އިމްރާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ، ފޮނުއްވި މެސެޖުގައި، މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކޮވިޑް-19 ޕެންޑަމިކް އިން އަރައިގަތުމަށް އަމާޒުހިފައިގެން ކުރަމުންގެންދާ މަސައްކަތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.