އޫރުން ނަގާފައިވާ އެއްވެސް މާއްދާއެއް ނުވަތަ އެއްވެސް އެއްޗެއް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާ ގުޅިގެން އެ ކުންފުނިން ތަރައްގީ ކުރި ވެކްސިންގައި ނުހުންނާނެ ކަމަށް، އަސްޓްރާޒެނީކާ ކުންފުނިން ބުނެފިއެވެ.

އަސްޓްރާޒެނީކާއިން މިކަން ހާމަ ކުރީ، އިންޑޮނޭޝިއާގެ އެންމެ މަތީ މުސްލިމް ކައުންސިލް (އިންޑޮނޭޝިއާ އުލެމާ ކައުންސިލް) އިން ހުކުރު ދުވަހު ފެތުރި ވާހަކައާ ގުޅިގެންނެވެ. އެގޮތުން ވެކްސިނަކީ ހަރާމް އެއްޗެއް ކަމަށާ، ވެކްސިން އުފައްދާފައި ވަނީ އޫރުގެ ޕޭންކްރިއާސް (ޗިސްމޭ) އިން މާއްދާއެއް ނަގައިގެން އެ ކައުންސިލުން ވަނީ އަޑު ފަތުރާފައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުއްލި ހާލަތުގައި ވެކްސިން ބޭނުން ކުރުމަށް، އެ ކައުންސިލުންވެސް ވަނީ ރުހުން ދީފައެވެ.

އަސްޓްރާޒެނީކާގެ އިންޑޮނޭޝިއާ ތަރުޖަމާނު، ރިޒްމަން އަބޫދައެރީ ވިދާޅުވީ، ވެކްސިން އުފެއްދުމުގެ މާއްދާއެއްގެ ގޮތުގައި އޫރު އަދި އެހެންވެސް ޖަނަވާރަކުން އެއްވެސް މާއްދާއެއް ނަގާފައި ނުވާނެ ކަމަށާ، އެފަދަ މާއްދައަކާ ކޮންޓެކްޓް ވެސް ވެފައި ނުވާނެ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 9 ބްރޭންޑެއްގެ ވެކްސިން ބޭނުން ކުރަމުން ދާއިރު، 2 ވަނައަށް އެންމެ ގިނަ އަދަދެއްގެ ގައުމުން ބޭނުން ކުރަނީ އަސްޓްރާޒެނީކާގެ ވެކްސިނެވެ. 71 ގައުމެއްގައި އަސްޓްރާޒެނީކާގެ ވެކްސިން ބޭނުން ކުރާއިރު، 72 ގައުމާއެކު ލިސްޓުގެ 1 ވަނާގައި އޮތީ ފައިޒާ އަދި ބައޮއެންޓެކްގެ ކޮވިޑް ވެކްސިނެވެ.