އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ހުސައިން ފިޔާޒް މޫސާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފިޔާޒް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު، އޭނާ ވަނީ އެ މަގާމުގައި ހުންނަވާ އަމިއްލަ ނޫހެއް އުފައްދަވާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނަވާ އަމިއްލަ ނޫހެއް އުފައްދަވާފައި ވާއިރު، މަގާމުގެ މަސްލަހަތު ތަކެއް އޮތް ނަމަވެސް، އެކަމާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ފިޔާޒް މިއަދު އިސްތިއުފާ ދެއްވި އިރު އޭނާ އެ މަގާމު ފުރުއްވީ އެއް އަހަރާއި 7 މަސް ދުވަހަށެވެ. ރައީސުލްޖުމްހޫރިއްޔާ، އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އޮކްޓޫބަރު، 31 2019 ގައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ހާދިމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޖުލައި 13، 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.