އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީގައި ކުރިއަށް ގެންދިޔަ އޮފިސާ ކެޑޭޓް ކޯހުން އެންއެންޑީއެފްގެ ސާޖަންޓް ފިރުޝާނާ ތައުފީގު އެއްވަަނަ ހޯދުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ފިރުޝާނާގެ ކާމިޔާބަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީގެ ތަމްރީނެއްގައި ދިވެހި އަންހެނަކު ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވިދާޅުވެ ރައީސް ވަނީ އެކަންވެސް ފާހަގަ ކުރައްވާފައެވެ.

އެ ކޯހުގައި ބައިބެރިވެ "ބެސްޓް އިންޓަނޭޝަނަލް ސްޓޫޑެންޓް އެވޯޑް" ފިރުޝާނާ ހޯދީ ބައިވެރިވި އެތައް ސިފައިންނެއް ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

ފިރުޝާނާ އެ އެވޯޑް ހާސިލް ކުރުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ ފިރުޝާނާ އަށް ތަހުނިޔާ ދަންނަވާފައެވެ.