ދ. ކުޑަހުވަދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 28 އަށް އަރައިފިއެވެ.

މިއަދު ހެނދުނު 8:00 އާ ހަމައަށް ކުޑަހުވަދޫން ޕޮޒިޓިވް ވި މީހުންގެ އަދަދު 28 އަށް އަރާފައި ވާއިރު، އިއްޔެ އެކަނި ވެސް އެރަށުން 9 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ކުޑަހުވަދޫން ޕޮޒިޓިވް ވި މީހުންގެ ތެރެއިން 7 މީހަކު ބަލިން ރަނގަޅު ވެފައި ވާއިރު، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާއި، ކޮމިއުނިޓީ އައުޓްބްރޭކުން ޕޮޒިޓިވް ވި 20 މީހަކާއެކު 21 މީހަކަށް މިވަގުތު ބަލި ޖެހިފައި ވެއެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ކުޑަހުވަދޫން ޓެސްޓު ކުރި 6 މީހަކު ވަނީ މިދިޔަ ބުދަ ދުވަހު ޕޮޒިޓިވް ވެފައެވެ. އެ 6 މީހުންނަކީ ވެސް ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންނެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ، މިދިޔަ މަހުގެ 26 ގެ ފަހުން ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދިފައެވެ.

އަދި މިތާރީހުގެ ފަހުން ކުޑަހުވަދޫ އަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ކުޑަހުވަދޫ އިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

އަދި 26 ފެބްރުއަރީ ގެ ފަހުން ދ. ކުޑަހުވަދޫ އިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. ނަތީޖާ ނެގެޓިވް ވި ކަމުގައި ވިޔަސް ކުޑަހުވަދޫ އިން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 14 ދުވަސްވަން ދެން ކަރަންޓީނުގައި ތިބުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާ ކުރުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.