މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެފައި އޮތީ ކޮވިޑް ޖެހިގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭން ބުނީ ރޭ 8:25 ހާއިރު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި މަރުވެފައިވާ ކަމަށް ނިންމާފައި ވަނީ ރޭ 8:45ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި އެއީ ކޮވިޑް މަރަކުން މަރުވެފައިވާ މީހެއް ކަމަށް ނިންމާފައިވާ ކަމަށާއި އެއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 66 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިއީ މި މަހު މި ބަލީގައި މަރުވި 4 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 66 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން ވެސް ވަނީ 3 މީހަކު މަރުވެފައެވެ. އެ 3 މަރުގެ ތަހުގީގު ކޮށް އެޗްޕީއޭއިން އަދި ނަތީޖާއެއް އާންމެއް ނުކުރެއެވެ.

ކޮވިޑް ޖެހިގެން މަރުވި 66 މީހުންގެ އިތުރުން މަރުވި 7 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވީ ނަމަވެސް އެ 7 މީހުން މަރުވީ ކޮވިޑުގައި ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.