ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ދެ ދުވަހަށް ބަންގްލަދޭޝަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ދެމިގެންދާނެ ގޮތާއި އެގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. އެގޮތުން ރައީސްގެ ވާހަކަފުޅުގައި ބަންގްލަދޭޝް ސަރުކާރުން އެ ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލްހާމިދާއި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ޒިޔާރަތް ކުރުމުގެ ދައުވަތު ދެއްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ދެ ދުވަހަށް ބަންގްލަދޭޝަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާއާ މިއަދު ބައްދަލު ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ރަސްމީ ދަތުރުފުޅުގައި ބަންގްލަދޭޝް އަށް ވަޑައިގެންފައިވަނީ އިއްޔެއެވެ. އެ ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް އެ ގައުމެއް ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުންތަކެއް ދަމަހައްޓަމުންދާ ދެ ގައުމެވެ. ދެ ގައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ރަސްމީކޮށް ގާއިމުކޮށްފައި ވަނީ 1978 ވަނަ އަހަރެވެ.