ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ޝެއިހު މުޖީބުއްރަހުމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީހުގައިވެސް ފާހަގަ ކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށް ރައީސް އިބްރަހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ، ބަންގްލަދޭޝަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޝެއިހު މުޖީބުއްރަހުމާނު އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ގައުމުގައި ބޭއްވި ހާއްސަ ރަަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ހިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ހާސިލް ކުރެވޭނެ މުހިންމު ފިލާވަޅު ތަކެއް ކަމަށެވެ. އަދި ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ ވެސް ޝެއިޚް މުޖީބުއްރަހުމާނު ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަފުޅުގައި ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. މިފަހުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ފައްޓާފައިވާ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ބަންގްލަދޭޝްގެ އެއާފޯސްގެ ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ރާއްޖެ އައިސް އެހީތެރިކަން ފޯރުކޮށް ދީފައި ވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި އެހީތެރި ކަމަކީ ދިވެހިން ވަރަށް އުފަލާއެކު ބަލައިގަތް ކަމެއް ކަމަށް ވިދާޅުވެ ރައީސް ވަނީ މިކަމުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒު ކޮށްދޭ ކަމުގައިވެސް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލްހާމިދާއި އެގައުމުގެ ބޮޑުވަޒީރު ޝެއިހު ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ދައުވަތުވެސް ދެއްވާފައެވެ.