ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ބަންގްލަދޭޝަށް ވަޑައިގެން، ޑާކާގެ ނޭޝަނަލް މާޓިއާޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތް ކުރައްވައިފިއެވެ.

ނޭޝަނަލް މާޓިއާޒް މެމޯރިއަލަކީ ބަންގްލަދޭޝަށް މިނިވަންކަން ލިބިދިން އެ ގައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރި ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމް ކޮށްފައިވާ މަގުބަރާއެކެވެ. މި މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިފައިންގެ ހަނދާނުގައި މާފަތި ބެއްވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އަދި އެތަނުގައި ގަހެއް އިންދަވައި ދެއްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޯލިހް ލިޔުއްވާފައި ވެއެވެ.

ރައީސް ސޯލިހް، ބަންގްލަދޭޝްގެ ނޭޝަނަލް މާޓިއާޒް މެމޯރިއަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހް، ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި، މި ދާރުލްއާޡާރުގައި ހިމެނޭ ބަނގްލަދޭޝްގެ ތާރީހާއި ގުޅޭ މުހިއްމު ތަންތަން ބައްލަވާ ލައްވާފައިވެއެވެ. ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ އެ ގައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަން ވެސް ކުރެއްވި ބަންގަބަންދު ޝެއިހް މުޖީބުއް-ރަހްމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާޡާރަކަށް ބަދަލު ކުރުމާއެކު އެ މަނިކުފާނުގެ މަގުބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާޡާރަށް ނަން ދީފައި ވެއެވެ. މި ދާރުލްއާޡާރު ހާއްސަ ކޮށްފައި ވަނީ އެ މަނިކުފާނުގެ ހަޔާތުގައި ބަންގްލަދޭޝްގެ މިނިވަން ކަމަށާއި ކުރެއްވި ގިނަގުނަ ހިދުމަތްތަކުގެ މައްޗަށެވެ.

ބަންގަބަންދު ޝެއިހް މުޖީބުއް-ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސް ސޯލިހް ބައިވެރިވެ ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.