ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ސިއްހީ ހިދުމަތްތަކަށް ބުރޫ އެރުމުގެ ނަތީޖާއެއްގެ ގޮތުން، ދެކުނު އޭޝިއާ ސަރަހައްދުން (ލަފާ ކުރެވޭ ގޮތުގައި) 239000 މައިންނާއި ތުއްތު ކުދިން މަރުވެފައިވާ ކަމަށް، އދގެ ރިޕޯޓެއް ބުނެފިއެވެ.

މި ރިޕޯޓަކީ 1.8 ބިލިއަނެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ އަފްޣާނިސްތާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާއަށް އަމާޒު ކޮށްގެން ތައްޔާރު ކޮށްފައި ވާ ރިޕޯޓެކެވެ.

"ޑައިރެކްޓް އެންޑް އިންޑައިރެކްޓް އިފެކްޓްސް އޮފް ކޮވިޑް-19 ޕެންޑަމިކް އެންޑް ރެސްޕޯންސް އިން ސައުތު އޭޝިއާ" ގެ ނަމުގައި އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، އެންމެ ބޮޑު ނޭދެވޭ އަސަރެއް ފޯރާފައި ވަނި އަންހެނުންނާ، ކުޑަކުދިންނާ، ޒުވާނުންނަށެވެ.

ކުދިންގެ ހެދި ބޮޑުވުމަށް ބޭނުންވާ މުހިންމު ހިދުމަތްތަކެއް ކަމަށްވާ، ދުޅަހެޔޮ ކާނާގެ މަޝްރޫއާ، ވެކްސިން މަޝްރޫއުތައް ހުއްޓުމަކަށް އައުމުގެ ސަބަބުން، ދެކުނު އޭޝިއާ ސަރަހައްދުގެ 6 ގައުމުން، 228000 ކުއްޖެއްގެ ފުރާނަ ގެއްލުނު ކަމަށް ރިޕޯޓްގައި ވެއެވެ. އިންޑިއާ އަދި ޕާކިސްތާނަށް ބަލާއިރު ވެކްސިން ދިން ކުދިންގެ ނިސްބަތް 35 ޕަސެންޓް އަދި 65 ޕަސެންޓަށް ދަށަށް ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

2020 އިންޑިއާގައި ތުއްތު ކުދިން މަރުވި ނިސްބަތް 15.4 ޕަސެންޓަށް އިތުރުވިއިރު، ބަންގްލަދޭޝްގައި މިއަދަދު 13 ޕަސެންޓަށް އިތުރުވި ކަމަށް މައުލޫމާތު ލިބެއެވެ. މައިން މަރުވި ނިސްބަތް އެންމެ މަތީ ސްރީލަންކާގައެވެ.

ކޮވިޑް-19ގެ ސަބަބުން ބޭނުން ނުވެ ބަލިވެއިނުމުގެ 3.5 މިލިއަން ކޭސް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާ، މީގެ ތެރޭގައި ފުރާވަރު އުމުރުގެ 400000 ކޭސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަކުން ބަރޯސާވީ ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށެވެ. ހޮސްޕިޓަލްތަކާއި ފާމަސީތަކާއި ޒަރޫރީ ފިހާރަތައް ހުޅުވި ނަމަވެސް، އެހެން ހުރިހާ ހިދުމަތެއް ހުއްޓުމަކަށް ގެނައެވެ.