އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓިފައި ލުބްނާންގެ ފައިސާގެ އަގު އިންތިހާއަށް ދަށަށް ދިއުމުގެ ސަބަބުން އެގައުމުގެ ރައްޔިތުން އަނެއްކާވެސް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގުތިސޯދު ހީނަރުވަމުން ދާ މައްސަލާގައި ލުބްނާނުގެ ރައްޔިތުން ދޭތެރެ ދޭތެރެއިން، ސިލްސިލާ ގޮތެއްގައި މަގުތަކަށް ނިކުމެ މުޒާހަރާ ކުރެއެވެ. އެގޮތުން، މިފަހަރުވެސް އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެފައި މިވަނީ، ޑޮލަރާ އަޅާ ބަލާއިރު ލުބްނާން ފައިސާގެ އަގު، ރެކޯޑް މިންވަރަކަށް ދަށަށް ދިއުމާ އެކުގައެވެ.
މާލީ ބާޒާރުގެ ޑީލަރުން ހަބަރު ދޭ ގޮތުގައި، ލުބްނާން ފައިސާގެ އަގު މިހާރު ވަނީ 90 ޕަސެންޓަށް ދަށަށް ގޮސްފައެވެ. އެގޮތުން، ޑޮލަރަކަށް 15000 ލެބަނީޒް ޕައުންޑް ނުވަތަ އެއަށް ވުރެވެސް ގިނައިން ޖެހޭ ކަމަށް ހަބަރު ލިބެއެވެ.
1975-1990 އަށް ލުބްނާންގައި ކުރި ދާހިލީ ހަނގުރާމައަށް ފަހު، އެ ގައުމު ތަޖުރިބާ ކުރަމުންދާ އެންމެ ހިތްދަތި ދުވަސްވަރަށް މި ދުވަސްވަރު ވެފައި ވާއިރު، އިގުތިސޯދީ ކާރިސާ ވެފައި ވަނީ އެ ގައުމުގެ ހަމަޖެހުމަށް އެޅިފައިވާ އެންމެ ބޮޑު ހިޔަންޏަށެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި، ބޭންކް ޑިޕޮސިޓް ނެގުމުން އެތައް ބަޔަކު މަހްރޫމު ވުމާއެކު ގިނަ ބަޔަކު ވަނީ ބަނޑަށް ޖެހިފައެވެ.
ކަން މިހެން އޮތް އިރު، އިތުރު ފައިސާ އިންޖެކްޓް ނުކޮށްފިނަމަ، މާޗް މަސް ނިމޭއިރު ލުބްނާނުން ކަރަންޓުގެ ހިދުމަތް ކެނޑި، ކަނު އަނދިރިކަމުގެ ތެރެއަށް ވެއްޓޭނެ ކަމުގެ އިންޒާރު، އެ ގައުމުގެ ހަކަތައާ ބެހޭ ވަޒީރު ވަނީ ދެއްވާފައެވެ.
ކުއްލި ހާލަތުގެ ލޯނުގެ ގޮތުގައި 1 ބިލިއަން ޑޮލަރު ބޭނުން ވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ޑިމާންޑް ކުރި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީތަކަށް ފާސްކޮށްދެވުނީ އެންމެ 200 މިލިއަން ޑޮލަރު ކަމަށް މައުލޫމާތު ލިބެއެވެ.
ރަސްމީ މަސްދަރަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ލުބްނާންގެ ބޭރު ފައިސާގެ ރިޒާވްގައި މިހާރު ހުރީ ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރެވެ. އޯގަސްޓް މަހު މިއަދަދު އުޅުނީ 19.5 ބިލިއަން ޑޮލަރުގައެވެ.