އިންޑިއާއިން ރާއްޖެއަށް ދެ ހެލިކޮޕްޓަރު ގެނައި އިރު ވެފައި އޮތް އެއްބަސްވުން އޭރުގެ ސަރުކާރުތަކުން ބޭނުންވި ނަމަ އޭރުވެސް އުވާލެވުނީސް ކަމަށް ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ ރާއްޖޭން އެއްވެސް ގައުމަކާ އެކު ވެފައިވާ އެއްވެސް އެއްބަސްވުމެއް އުވާލަން ބޭނުން ވެއްޖެ ނަމަ އެކަން ކުރެވޭނެ ކަމަށެވެ. ސަބަބަކީ ރާއްޖެއަކީ މިނިވަން ދައުލަތަކަށް ވުން ކަމަށެވެ.

އަދި އޭރުވެސް އެ އެގްރިމެންޓް ބާތިލު ކުރަން ސަރުކާރުން ކެރިގެން ނުކުތް ނަމަ އެކަން ވީސް ކަމަށް ޝަމާލް ވިދާޅުވިއެވެ.

އޭރުވެސް ކުރެވުނީސް މިހާރުވެސް ކުރެވުނީސް. އެެއީ ކީއްވެގެންތޯ؟ މިއީ މިނިވަން ސަވަރިން ދައުލަތެއް. އެހެންވީމާ ސަރުކާރުން އެގްރިމެންޓެއް، ކެރިގެން، އެއްވެސް ގައުމަކާ އެކީ ބާތިލުކުރަން ވެެއްޖެއްޔާ އެ ހިތްވަރު ހުރެގެން ކުރަން ޖެހޭނީ
ޝަމާލް

އެމްއެންޑީއެފްގެ ޖެނެރަލުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްމުގެ ޑްރާފްޓެއް ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ލިޔުންތަކަކާ ގުޅިގެން އެކަން ސާފުކޮށް ދެއްވުމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ އިރުއްސުރެ ގެންގުޅޭ ހެލިކޮޕްޓަރު އެއްބަސްވުން އޭގެ ފަހުން އައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވެސް އުވާލާފައެއް ނުވެއެވެ.

އެ ޑްރާފްޓް ކަމަށް ބުނާ ލިޔުމުގައި ބަޔާން ކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތު ކޮށްފައި ވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމި އޮންނާނެއެވެ. އޭގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިން ބޭނުން ނަމަ 2 ގައުމު އެއްބަސްވެ، ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާން ކުރެއެވެ.

ނަމަވެސް މިއަދު ބެއްވި އެ ބައްދަލުވުމުގައި ރާއްޖޭގެ ދިފާއީ ބާރުން ވަނީ އެކަންތައް ދޮގުކޮށްފައެވެ.