ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައިސުލްޖުމްހުރިއްޔާ ވަނީ ގަތަރުގެ އަމީރު ހުންނަވާ ގަނޑުވަރަށް ވަޑައިގެން ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްޘާނީއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ އިސް ވެރިން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ދެމެހެއްޓުމަށް މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން، ދެ ގައުމު ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަފުޅުތަކުގައި ދެ ގައުމަށް ވެސް ފައިދާވާ ކަންތައްތަކުގައި، ދެ ގައުމަށް ވެސް ފުރުސަތުތައް ހޯދައި އެކުގައި މަސައްކަތްޕުޅު ކުރެއްވުމަށް މަޝްވަރާ ކުރެއްވެވިއެވެ. ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށްފަހު، ރައީސް ސޯލިހާއި ދިވެހި ސަރުކާރުން މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ވަނީ ގަތަރުގެ އަމީރު، ރައީސް ސޯލިހްގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެ ލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ވަނީ ގަތަރުގެ އަމީރުގެ އަނބިކަނބަލުން ޝައިޚާ ޖަވާހެރް ބިންތް ހަމަދު ބިން ސުހައިމް އައްޘާނީ، އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެއަށްފަހު އިއްޔެ ހަވީރު ރައީސް ސޯލިހެ ދެކަނބަލުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގެ މިއުޒިއަމް އޮފް އިސްލާމިކް އާޓް އަށް ވަޑައިގެން އެތަން ބައްލަވާ ލައްވާފައެވެ. މި ދާރުލް އާސާރަކީ މުސްލިމުންގެ ކުރެހުންތައް ދުނިޔޭގެ އެއްތަނަކުން އެންމެ ގިނައިން ފެންނަން ހުންނަތަނެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ދެން ދަތުރު ކުރައްވާނީ ބަންގްލަދޭޝްއަށެވެ. ރައީސް ސޯލިހް ބަނގްލަދޭޝްއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި "ބާތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަހްމާން"ގެ ރަސްމީ ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.