އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ވީ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ ލީކް ކޮށްލި އެއްބަސްވުމަކީ ސައްހަ ލިޔުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ، ލީކް ކޮށްލައިގެން އުޅޭ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ޑިފެންސް މިނިސްތްރީން ބުނެފައި ވަނިކޮށެވެ. އުމަރު ވިދާޅުވީ، އެއީ އިންޑިޔާއިން އޭނާއަށް ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމަށާއި އެ އެއްބަސްވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު މާދަމާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ގެނެސްދޭނެ ކަމަށެވެ.
އުތުރުތިލަފަޅު ތަރައްގީ ކުރުމަށް ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށްބުނެ ލިޔެކިއުންތަކެއް ދައުރުވަމުން އަންނައިރު، ޑިފެންސް މިނިސްޓްރީން ވަނީ އެ ލިޔުމަކީ ދޮގު ލިޔުމެއް ކަމަށް ބުނެފައެވެ. ހަމައެއާއެކު، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި، ބަނދަރެއް ތަރައްގީ ކުރުމަށް ހަދާފައިވާ އެއްބަސްވުމުގެ ސޮއިނުކޮށް އޮތް ޑްރާފްޓް އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިޔާ ގުޅިގެން އެކީގައި ހާސިލުކުރަން ޖެހޭ، ކަނޑުގެ ސަލާމަތާ ގުޅުންހުރި އަމާޒުތައް ހާސިލުކުރުމަށާއި ކަނޑުތަކުގެ ސާވެލަންސް މަސައްކަތް ކުރުމަށް އެތަނުގައި ހުންނަ މުވާސަލާތީ ވަސީލަތްތައް އިންޑިޔާގެ އަސްކަރިއްޔާއަށް ބޭނުން ކުރެވޭނެ ކަމަށްވެސް އެ އެއްބަސްވުމުގައި ވެއެވެ. އެ އެއްބަސްވުމުގައި ވާގޮތުން އެ އެއްބަސްވުން ވެފައިވަނީ 30 އަހަރުގެ މުއްދަތަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު 30 އަހަރަށް އެއްބަސްވުން ދިގުދަންމާ ލެވޭނެ ކަމަށްވެސް އޭގައި ވެއެވެ.
މި އެއްބަސްވުން ލީކް ކޮށްލުމުން އިދިކޮޅު ލީޑް ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައްވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައި އެ އެއްބަސްވުމުގެ އަސްލު ރައްޔިތުންނަށް ހާމަ ކުރުމަށް ގޮވާލައްވާފައެެވެ. އަދި ރައްޔިތުން މަޖިލީހުގެ 241 ކޮމިތީއަށް ވެސް އެ އެއްބަސްވުމުގެ ކޮޕީއެއް ދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.
ޑިއެންއޭ ހަރަކާތުގެ ތެރެއިން މާދަމާ އެ އެއްބަސްވުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެފައި ވާއިރު، ޑީއެންއޭއަކީ މި ސަރުކާރުގައި ހުރި މައްސަލަތަކާއި ގައުމުގައި ހިނގާ މައްސަލަތައް ހައްލު ކުރުމަށް އަޑުއުފުލާ ހިންގާ ހަރަކާތެކެވެ. ޑީއެންއޭއަކީ އުމަރު އިސްކޮށް ހުންަވައިގެން އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެފައިވާ ގިނަ ބަޔަކު އެކުވެގެން ހިންގާ ހަރަކާތެކެވެ.
އުތުރުތިލަފަޅު އެގްރީމަންޓް ކަމަށް ބުނެ ލިޔެކިޔުންތަކެއް އުމަރު ލީކްކޮށްލައްވާފައިވާ އިރު އުމަރު އަކީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ގުޅޭ މައްސަލަތަކުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ފާޑުވިދާޅުވެ ސަރުކާރާ ދެކޮޅަށް އޭނާ ގެންދަވަނީ އަބަދުވެސް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.