ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރު ގަތަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަން ކުރިއެރުވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގަތަރުގެ ސަރުކާރުން ދީފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.

ދެ ގައުމުގެ ވެރިންވެސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެއްވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ދެބޭފުޅުން ވެސް ވަނީ ކޮވިޑް-19 ގެ ޕެންޑެމިކް ހާލަތުގައި ދެ ގައުމަށް ކުރިމަތިވަމުން އަންނަ ކަންތައްތައް ހިއްސާ ކުރައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި އޮތް ތަރައްގީގެ ވައްޓަފާޅި ބަދަލުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ރާއްޖެ ތަރައްގީކުރުމަށް ނިންމަވާފައި ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީ ދިވެހިރާއްޖެއަށް ލިބޭނެ ފަދަ ގޮތަކަށް ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން ގަތަރުގެ ސަރުކާރުން ކޮވިޑް-19 އެ ގައުމުގައި ފެތުރިގެން ދިޔަ ނުދިނުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް ރައީސް ސޯލިހް ވަނީ ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެގައުމުގެ މީހުން އެކަކު އަނެކަކާއި ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހިކޮށްދެއްވުމަށް މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެގައުމުގެ ދޭދޭގުޅުން ބަދަހިކުރެއްވުމަށް، ދިވެހިރާއްޖެއިން ގަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ކަނޑައެޅުއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމުގައި ރައީސް ސޯލިހް ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ސޯލިހް ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރައްވާ މަސައްކަތްޕުޅާ، ދެމެހެއްޓެނިވި ތަރައްގީއަށް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތްޕުޅާ، ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މުހިންމު ކަންތައްތައް ގަތަރާ އެކު މަސައްކަތްޕުޅު ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައި އެކަމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހާ އެކު ގަތަރަށް ޒިޔާރަތްކުރެއްވި ވަފުދުގެ ބޭފުޅުން ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެލައްވާފައެވެ.

އެއަށްފަހު ގަތަރުގެ އަމީރީ ދީވާންއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރްހަބާ ވިދާޅުވީ، ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއެވެ. އަދި ގަތަރު ސަރުކާރުގެ އިސް ބޭފުޅުން ރައީސް ސޯލިހް ތައާރުފު ކޮށްދެއްވުމުގެ ކުރިން، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ދަތުރުފުޅުގައި، ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޓަރާންސްޕޯޓް މިނިސްތަރު އައިޝަތު ނަހުލާ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، މިނިސްޓާ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ހަލީލް، ރައީސް އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ސަބްރާ އިބްރާހީމް ނޫރައްދީން، އަދި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.