ބޮލީވުޑްގެ މަޝްހޫރުތަރި، އާމިރު ހާން، ސޯޝަލް މީޑިއާ ދޫކޮށްލައިފިއެވެ.

އޭނާއަށް އުފަންދުވަހުގެ ހެޔޮ އެދުންތައް ފޮނުވި މީހުންނަށް ޝުކުރު އަދާ ކޮށް، ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި އާމިރު ހާން ބުނީ، އެ ޕޯސްޓަކީ އޭނާގެ ޒާތީ ޕްރޮފައިލްއަކުން ސޯޝަލް މީޑިއާއަށް ދޫކޮށްލާނެ އެންމެ ފަހު ޕޯސްޓް ކަމަށެވެ.

ޒާތީ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ދެން ޕޯސްޓު ނުކުރި ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި، ވަކި މަޝްރޫއަކާ ގުޅިގެން އޭނާގެ ފޭނުންނާ މުއާމަލާތު ކުރަން ޖެހިއްޖެ ހިނދެއްގައި، އެ ކަން ކުރާނީ، އޭނާގެ ޕްރޮޑަކްޝަން ހައުސް ކަމަށްވާ، އާމިރު ހާން ޕްރޮޑަކްޝަންސްގެ ސޯޝަލް މީޑިއާ ޕްރޮފައިލުން ކަމަށްވެސް އާމިރު ހާން ވަނީ ބުނެފައެވެ.

އާމިރު ހާންގެ ހުނަރު ދެން އެންމެ އަވަހަށް ފެންނާނީ "ލާލް ސިންހް ޗައްދާ" އިން ކަމަށް މައުލޫމާތު ލިބެއެވެ. މިއަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައި ވާ މި ފިލްމަކީ، 1994 ވަނަ އަހަރުގެ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ.