އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ވީ އެއްބަސްވުމުގެ ކޮޕީއެއް މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެ ގޮތް ހަދައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.

އާދަމް ޝަރީފް އުމަރު މިގޮތަށް އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ވަނީ، އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއި އެކުގައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ކަމަށް ބެލެވޭ ލިއުމެއް ދައުރުވަމުން އަންނަ ކަމަށާއި، އެ ލިއުމަށް ބަލާއިރު، ގައުމީ ސަލާމަތައް ނުރައްކާވާ ފަދަ އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތައް ނުރައްކާވާ ފަދަ ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިވާކަން ހާމަކުރައްވައި އެ ސިޓީގައި ޝަރީފް ވަނީ އުތުރުތިލަފަޅު އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ އެއްބަސްވުމުގައި ގައުމީ ސަލާމަތާއި ގައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހުރިތޯ ބައްލަވައި ދެއްވުމަށް ވެސް އާދަމް ޝަރީފް އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، އެ އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ނުރައްކާ ވާފަދަ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން ވަގުތުން އުވާލަން ޖެހޭ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަން ގެއްލޭފަދަ ކަންކަން ކުރާނީ އެންމެ ބޮޑެތި ހާއިނުން ކަމަށާއި، އެފަދަ މީހުންނަށް ރައްޔިތުން ދުވަހަކު ވެސް މައާފެއް ނުކުރާނެ ކަމަށެވެ.

އުތުރުތިލަފަޅު ތަރައްގީ ކުރުމަށް ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށްބުނެ ލިޔެކިއުންތަކެއް ދައުރުވަމުން އަންނައިރު، ޑިފެންސް މިނިސްޓްރީން ވަނީ އެ ލިޔުމަކީ ދޮގު ލިޔުމެއް ކަމަށް ބުނެފައެވެ. ހަމައެއާއެކު، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި، ބަނދަރެއް ތަރައްގީކުރުމަށް ހަދާފައިވާ އެއްބަސްވުމުގެ ސޮއިނުކޮށްއޮތް ޑްރާފްޓް އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އެ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިޔާ ގުޅިގެން އެކީގައި ހާސިލުކުރަން ޖެހޭ، ކަނޑުގެ ސަލާމަތާ ގުޅުންހުރި އަމާޒުތައް ހާސިލުކުރުމަށާއި ކަނޑުތަކުގެ ސާވަލަންސް މަސައްކަތްކުރުމަށް އެތަނުގައި ހުންނަ މުވާސަލާތީ ވަސީލަތްތައް އިންޑިޔާގެ އަސްކަރިއްޔާއަށް ބޭނުންކުރެވޭނެ ކަމަށްވެސް އެ އެއްބަސްވުމުގައި ވެއެވެ. އެ އެއްބަސްވުމުގައި ވާގޮތުން އެ އެއްބަސްވުން ވެފައިވަނީ 30 އަހަރުގެ މުއްދަތަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު 30 އަހަރަށް އެއްބަސްވުން ދިގުދަންމާ ލެވޭނެ ކަމަށްވެސް އޭގައި ވެއެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާ އާއެކު މިއަދު ރާއްޖެއިން ސޮއިކުރަނީ / ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ތިބޭނެ ކަމަށް އެ އެއްބަސްވުމުގައި ވާއިރު، އުތުރު ތިލަފަޅުގައި އިންޑިއާއިން ތަރައްގީކޮށްދޭ ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަދި މި އެގްރިމަންޓްގައި ސޮއި ކުރި ދުވަހުވެސް އެ ބަނދަރުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް ހަމަޖައްސާފައިވާ ފަދަ ވާހަކަތަކެއް ދެކެވި މަޖިލީހުގައި ވަނީ އެ އެގްރިމަންޓް ބަލަން ބޭނުން ކަމަށް ބައެއް މެންބަރުން ވިދާޅުވެފައެވެ. އަދި އެކަމަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެއްބަސްވުމުގެ ތަފްސީލް މެންބަރުންނަށް ހާމަ ކުރައްވާނެ ކަމަށާއި އެކަމާ މެންބަރުން ހާސްވެވަޑައި ނުގަތުމަށެވެ.