ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް، އަވަށްޓެރި އިންޑިއާއިން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 26291 މީހަކު ޕޮޒިޓިވްވެފައި ވާކަމަށް ހަބަރު ލިބިއްޖެއެވެ.

މިއީ 2021 ވަނަ އަހަރަށް ފެށުނު ފަހުން 1 ދުވަހުގެ ތެރޭގައި އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރި ދުވަހެވެ.

އިންޑިއާއިން އަލަށް ރިޕޯޓް ކުރި ކޭސްތަކުގެ 2 ބައިކުޅަ 1 ބަޔަކަށް ވުރެ ބޮޑުބައި ހިއްސާކޮށްފައި ވަނީ، ހުޅަނގެ މަހާރާޝްތުރާ ސްޓޭޓުންނެވެ. މި ސްޓޭޓަކީ ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރުމުގެ ރެކޯޑް އޮތް ސްޓޭޓެކެވެ.

މި އަހަރަށް ފެށުނު އިރު، އިންޑިއާގެ ކޮވިޑް ކޭސްލޯޑް ވަނީ ދަށަށް ދާން ފަށާފައެވެ. ނަމަވެސް، ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކަށް އެކަށީގެންވާ ސަމާލުކަން ނުދެވުން ފަދަ ސަބަބުތަކާއެކު، އެކި ސްޓޭޓްތަކުގައި ކޭސް ނަންބަރުތައް ވަނީ އިތުރު ވާން ފަށާފައެވެ.

ކޭސްލޯޑް އިތުރުވާން ފަށާފައިވާ އިތުރު ސްޓޭޓްތަކުގެ ތެރޭގައި، ކެރަލާ، ޕަންޖާބު، ކަރުނާޓަކާ، ގުޖުރާތު، ޓެމިލް ނާޑޫ، ހަރްޔާނާ އަދި މަދްޔަ ޕްރަދޭޝް ހިމެނެއެވެ.

އިންޑިއާއިން ފުރަތަމަ ފަހަރަށް ކޮވިޑް ކޭހެއް ރިޕޯޓް ކުރި ފަހުން މިހާތަނަށް 11 މިލިއަނަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާއިރު، މަރުގެ ކޭސްތަކުގެ އަދަދު ވަނީ 158000 އަށް އަރާފައެވެ.