އަވަށްޓެރި ސްރީލަންކާގެ ގައުމީ ދިދައިގެ ފަރުމާ ބޭނުން ކޮށްގެން، ތަފާތު އެކި ޒާތް ޒާތުގެ އުފެއްދުންތައް ޕްރިންޓް ކުރަމުން އަންނަ މައްސަލާގައި، އެ ފަދަ އުފެއްދުންތައް ނުވިއްކުމަށް، ދުނިޔޭގެ އެންމެ ވަރުގަދަ އޮންލައިން ފިހާރަ، "އެމެޒޯން" އަށް، ސްރީލަންކާއިން ގޮވާލައިފިއެވެ.

އާންމުކޮށް ލާ އުޅޭ އަންނައުނުގެ އެތެރެއިން ލުމަށް ބޭނުން ކުރާ ޖަންގިޔާ ފަދަ ތަކެއްޗާ، ފައިވާން އަދި ފައިފުހިތަކުގައި ސްރީލަންކާގެ ދިދައިގެ ފަރުމާ ބޭނުން ކޮށްފައިވާ މައްސަލަ ބޮޑުވެފައިވާއިރު، ޗައިނާގެ މި އުފެއްދުންތަކާ ދެކޮޅަށް ލަންކާއިން ވަރުގަދަ އިހުތިޖާޖުތަކެއް ކުރާތާ މިހާރު ދެދުވަހެއް ވަނީ ވެފައެވެ.

ސްރީލަންކާއިން ބުނީ އެ ގައުމުގެ ދިދައިގެ ހުރުމަތް ކެނޑޭ ފަދަ އުފެއްދުންތައް އެ ޕްލެޓްފޯމް މެދުވެރިކޮށް ނުވިއްކުމަށް އެމެޒޯންއަށް ރަސްމީކޮށް އަންގާފައި ވާނެ ކަމަށާ، މިފަދަ އުފެއްދުންތައް އުފެއްދުން ހުއްޓުމަކަށް ގެނައުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިންވެސް އެދިފައި ވާނެ ކަމަށެވެ.

ޗައިނާގައި ހުންނަ ލަންކާގެ އެމްބަސީއިން ބުނީ، އެމެޒޯންގެ މި އުފެއްދުންތައް ވިއްކާ ކުންފުނީގެ އެ މަސައްކަތް ވަގުތުން ހުއްޓުމަކަށް ގެނައުމަށް ލަންކާއިން އެދިފައި ވާނެ ކަމަށެވެ. އެމެރިކާގައި ހުންނަ ލަންކާ އެމްބަސީއިންވެސް ބުނީ، މި ކަމުގައި ފިޔަވަޅު އަޅާފައި ވާނެ ކަމަށާ، މިއީ ލަންކާގެ ފިކުރީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގެ ގޮތުގައި އެމެރިކާގެ ސަރުކާރަށް ޝަކުވާ ހުށަހަޅާފައި ވާނެ ކަމަށެވެ.

ސްރީލަންކާއިން ދެ ދުވަހުގެ ތެރޭގައި ކުރި މަސައްކަތަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ސްރީލަންކާގެ ދިދަ ރަމްޒުވާ އެކި ކަހަލަ އުފެއްދުންތައް އޮންލައިން ޕްލެޓްފޯމްތަކުގައި ވިއްކުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފޭސްބުކްގައި ހިޔާލު ފާޅު ކުރި މީހަކު ވަނީ، މިފަދަ އުފެއްދުންތަކެއްގައި ލަންކާގެ ދިދައިގެ ފަރުމާ ބޭނުން ކުރުމަކީ، ޗައިނާއިން ލަންކާއާ މެދު ދެކޭ ގޮތް އަންގައިދޭ ކަމެއް ކަމަށް ސިފަކޮށްފައެވެ. އެހެން މީހަކު ބުނެފައި ވަނީ، ފައިފުހީގައި ސްރީލަންކާގެ ދިދައިގެ ފަރުމާ ބޭނުން ކޮށްފައި އޮތުމުން ދޭހަކޮށްދެނީ، ޗައިނާގެ ދަރަނި ދަންތުރާގައި ޖެހިފައިވާ ލަންކާއަށް އެ މަޅިން ސަލާމަތް ނުވެވިއްޖެ ނަމަ، ޗައިނާއިން ސްރީލަންކާއާ މެދު އަމަލު ކުރާނެ ގޮތް ކަމަށެވެ.