ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ ސަބަބުން، ލޭކޮޅެއް ގަނޑުވުމުގެ ނުރައްކާ އިތުރު ވާ ކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށް، އަސްޓްރާޒެނީކާ ކުންފުނިން ބުނެފިއެވެ.

އަސްޓްރާޒެނީކާއިން ވަނީ، އެ ކުންފުނީގެ ކޮވިޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ވެކްސިން ތަޖުރިބާ ކުރި މީހުންގެ ކިބައިން އެއްކުރި މައުލޫމާތުގެ ތަފާސް ހިސާބުތައް މުރާޖާ ކޮށްފައެވެ. މި މުރާޖާއަށް މައުލޫމާތު ބޭނުން ކުރީ އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން 17 މިލިއަނަށް ވުރެ ގިނަ މީހުންގެ ކިބައިންނެވެ.

އަސްޓްރާޒެނީކާއިން މިފަދަ ކަމެއް ކޮށްފައި މިވަނީ، އެ ކުންފުނީގެ ކޮވިޑް ވެކްސިންގެ ސަބަބުން ލޭކޮޅެއް ގަނޑުވުމުގެ ނުރައްކާ އިތުރުވާ ކަމުގެ ކަންބޮޑުވުންތަކެއް ފެންމަތިވެ، ބައެއް ގައުމުތަކުން އެ ކުންފުނީގެ ވެކްސިން ބޭނުން ކުރުން މަޑުޖައްސާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

ލޭ ގަނޑުވުމުގެ ކަންބޮޑުވުންތަކާއެކު އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން މަޑުޖައްސާލި ގައުމުތަކުގެ ތެރޭގައި ޑެންމާކް، އަޔަލަންޑް، ނޯވޭ، އައިސްލަންޑް އަދި ނެދަލަންޑްސް ހިމެނެއެވެ. މީގެ އިތުރުން، އޮސްޓްރިއާއިންވެސް ވަނީ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިންގެ ވަކި ބެޗެއް ބޭނުން ކުރުން ހުއްޓާލާފައެވެ.

ކަން މިހެން އޮތްއިރު، ޔޫރަޕިއަން މެޑިސިންސް އޭޖެންސީއިން ބުނީ، ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމުގެ އިޝާރާތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ މި ރައުޔު ތަކުރާރު ކޮށްފައެވެ.

އަސްޓްރާޒެނީކާ ކުންފުނީގެ ވެކްސިންގެ ރައްކާތެރި ކަމުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށް ބެލެވެއެވެ.