ވަރުގަދަ، ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްދާ މިޔަންމާގެ ޔަންގޫން ސަރަހައްދުގައި ތަންފީޒު ކުރަމުންދިޔަ މަދަނީ ހުރިހާ ގާނޫނުތަކަކަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލާ، އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ހުރިހާ ބާރުތަކެއް ގެންގޮސްފިއެވެ.

ނޮވެންބަރު 2020 ގައި ކުރިއަށް ގެންދިޔަ އިންތިހާބު ސައްހަ ނޫން ކަމަށް ބުނެ، މިދިޔަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ މަދަނީ ސަރުކާރު ވައްޓާލާ، އިސްވެރިން ހައްޔަރު ކޮށް، ލީޑަރުންނާ ދެކޮޅަށް ވަރުގަދަ ދައުވާތަކެއް ފެންމަތިކުރިއެވެ. ގައުމުގެ މުޅި ކޮންޓްރޯލް އަސްކަރިއްޔާގެ ދަށަށް ގެންގޮސް، 1 އަހަރު ދުވަހަށް ގައުމީ ކުއްލި ނުރައްކާ އިއުލާން ކޮށްފައި ވާއިރު، އަސްކަރީ ބަޣާވާތާ ދެކޮޅަށް އެތައް ބަޔަކު ދަނީ މިޔަންމާގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރަމުންނެވެ.

މާދަނީ ގާނޫނުތަކަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށްފަހު، އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލް ތަންފީޒު ކުރަން ފަށާފައި ވާއިރު ނުވަތަ މާޝަލް ލޯ ތަންފީޒު ކުރަން ފަށާފައިވާއިރު، އާދީއްތަ ދުވަހުގެ ހަމަނުޖެހުންތަކުގައި އެކަނިވެސް 22 މީހުން މަރާލާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޔަންގޫންގައި ހަމަނުޖެހުންތައް ގަދަވެފައި ވާއިރު، އެ ސަރަހައްދުގައި ޗައިނާގެ ހަރަދުގައި ހިންގާ ކާރުހާނާތަކުގައި ރޯކޮށްލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އަންނައުނު އުފައްދާ ކާރުހާނާތަކުގައި ބަޔަކު ގަސްތުގައި ހުޅުޖަހާފައި ވާ ކަމަށް ބުނާއިރު، މި ހާދިސާގައި ޗައިނާގެ މުވައްޒަފުންނަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު، ޗައިނާގެ އެމްބަސީއަށް ލިބިފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އދއިން މިޔަންމާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ކްރިސްޓީން ޝްރޭނާ ބާޖީނާ ވަނީ، މިޔަންމާގައި ހިންގަމުންދާ ލޭއޮހުރުވުންތައް ކުށްވެރި ކުރައްވާފައެވެ. އަދި މިޔަންމާގެ ޑިމޮކްރަޓިކް ރޫހު ނެގެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައާ ސަރަހައްދީ ބައިވެރިން އެކަތިގަނޑަކަށް ވުމަށްވެސް އދގެ މަންދޫބު ވަނީ ގޮވާލައްވާފައެވެ.

މިޔަންމާގެ އަސްކަރިއްޔާއަށް ފިލައިގެން ދިރިއުޅުއްވަމުން ގެންދަވާ މަޖިލީސް މެންބަރުންތަކެއް ގެންދަވަނީ، އެ ގައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ވަރުގަދަ އިންގިލާބެއް ގެނައުމަށް ރާއްވަވަމުންނެވެ.