ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަތަރާއި ބަންގްލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގެންފިއެވެ.
ރައީސްގެ އިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި އަދި ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ގަތަރަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު ބޭނުމަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން މި ސަރުކާރުގައި އަލުން ގާއިމުކުރުން ފާހަގަ ކުރުމާއި ދެ ގައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދު ބަނގުލަދޭޝްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ.
މި ދަތުރުފުޅުގައި "ބާތު ސެންޓެނަރީ އޮފް ޝެއިހް މުޖީބުއް ރަހްޙްމާން" ގެ ރަސްމީ ގަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތް ކުރެއްވުމާއި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި ބަނގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިވެހި ވަފުދުގެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި މި މަހުގެ 20 ވަނަ ދުވަހުގައެވެ.
މި ދެ ދަތުރުފުޅަކީ އަހެއްރާ ދުވަސް ފަހުން ރާއްޖެއިން ބޭރަށް ރައީސް ސޯލިހް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.