ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިން، ވަޒީފާ އަދާކުރަމުންދާ ތަން ބަދަލު ކުރުމަށްޓަކާ، ވަޒީފާ ދިން ފަރާތުގެ އިޒުނަ ހޯދަން ނުޖެހޭ ގޮތަށް، އެ ގައުމުގެ ވަޒީފާއާ ބެހޭ ނިޒާމަށް އިސްލާހު ގެނެސްފިއެވެ.

ގަލްފް ސަރަހައްދުގެ އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ސައުދީގެ ކަފާލާ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނާނެ ކަން އެ ގައުމުގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވަލޮޕްމަންޓް އިން އިއުލާން ކުރީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން، ވަޒީފާ ދޭ އެއް ފަރާތެއްގެ މުށު ތެރޭގައި ގައިދުވެފައި ތިބެން ޖެހޭ ތިބުމަށާ، ވަޒީފާ ދިނުމާއި ވަޒީފާއިން ވަކި ކުރުމުގެ ބާރުވެސް ހަމައެކަނި އެ ފަރާތަށް އޮތް އޮތުމަށް އިސްލާހު ގެންނައުމަށް މަސައްކަތްތަކެއް ކުރެވުނެވެ.

ސައުދީގައި އަމަލު ކުރަމުން އައި ނިޒާމު އޮތް ގޮތުން، ވަޒީފާ ދޭ ފަރާތްތަކުން، ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ކިބައިން ނާޖާއިޒު މަންފާ ހޯދުމުގެ ފުރުސަތު އޮންނަ ކަމަށް، ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނެއެވެ. ވަކިން ހާއްސަކޮށް، ގޭބިސީތަކުގައި މަސައްކަތް ކުރާ މީހުންނާ، ކޮންސްޓްރަކްޝަން ސިނާއަތުގައި އުޅޭ މަސައްކަތްތެރިންނަށް އޮންނަ ނުރައްކާ ބޮޑު ކަމަށް، ހައްގުތަކަށް ވާކާލާތު ކުރާ ފަރާތްތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ނަސްރު ލިބިފައި ވާ ކަން އިއުލާން ކޮށްފަ / ފޮޓޯ: އިކޮނޮމިކް ޓައިމްސް

ވަޒީފާ ދޭ ފަރާތްތަކުން ޕާސްޕޯސްޓް އަތުލުމާ، ގިނަ ވަގުތު ބުރަ މަސައްކަތް ކުރުވުމާ، ހައްގު އުޖޫރަ ނުދިނުމުގެ ޝަކުވާތަކަކީ އާންމު ޝަކުވާތަކެކެވެ.

މިކަން ކަމަށް ރިއާޔަތް ކޮށްގެން ގެނައި އިސްލާހާއެކު، މަސައްކަތުގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން، އެހެން ވަޒީފާއަކަށް ބަދަލު ވުމުގެ ފުރުސަތު، ވަޒީފާ އަދާ ކުރާ ފަރާތަށް ލިބިދެއެވެ. އަދި ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި އިންޒާރެއް ދިނުމަށްފަހު، ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައިވެސް ވަޒީފާ ބަދަލު ކުރުމުގެ ބާރު، މަސައްކަތްތެރިންނަށް ލިއްބައިދެއެވެ.

މީގެ އިތުރުން، ވަޒީފާ ދޭ ފަރާތުގެ އިޒުނަޔާ ނުލާ، މުހުލަތެއް ނެތް ގޮތަށް ދަތުރު ކުރުމުގެ މިނިވަން ކަންވެސް ވަޒީފާ އަދާ ކުރާ ފަރާތަށް ކަށަވަރު ކޮށްދެއެވެ.

މިފަދަ ބަދަލުތަކެއް ގެނައި ކަމުގައި ވީ ނަމަވެސް، ވޯކް ވިސާއާއި ރެސިޑެންސް ވިސާ ގުޅިފައި އޮންނަނީ ކަފީލް ނުވަތަ ސްޕޮންސަރާ ކަމުން، މި ކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް، އިސްލާހު ތަކަށް ފާޑުކިއާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.