ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ދިނުމުގެ މަސައްކަތް، 2022 ވަނަ އަހަރުގެ ނިޔަލަށް، ސަރަހައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް "ކުއަޑް" އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންފިއެވެ.

2022 ވަނަ އަހަރު ނިމެންދެކަށްވެސް ކޮވިޑް ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމަށް، އިންޑިއާ އޮސްޓްރޭލިއާ، ޖަޕާން އަދި އެމެރިކާ ނުވަތަ "ކުއަޑް" އިއްތިހާދުގެ ލީޑަރުން ބައިއަތު ހިތްޕަވާފައިވަނީ، މި ފިކުރު ހިއްސާ ކުރާ ގައުމުތަކާ ގުޅިގެން، ވެކްސިން މަޝްރޫއު ކުރިއަށް ގެންދާ ފަދަ އުސޫލަކުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ކޮވިޑް ވެކްސިން ކާރުހާނާއެއް ބައްލަވާލައްވަނީ / ފައިލް ފޮޓޯ: ކުއިންޓް

އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއާއި ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ ގުޅިވަޑައިގެން، ވޮޝިންގްޓަން ޕޯސްޓްގައި ޝާއިއު ކުރެއްވި އޮޕީނިއަން އެޑިޓޯރިއަލް (އޮޕް-އެޑް)ގައި ވިދާޅުވެފައި ވަނީ، "ކުއަޑް" އުފެދުނީވެސް ކާރިސާއެއްގެ ތެރޭގައި ކަމަށެވެ.

ޑިޕްލޮމެޓިކް ފެންވަރުގައި ކުރިއަށް ގެންދާ މަޝްވަރާތަކެއްގެ ގޮތުގައި ކުއަޑް އެންމެ ފުރަތަމަ އުފެދުނީ 2007 ގައެވެ. އޭގެ ފަހުން އާ ރޫހެއްގައި މި އިއްތިހާދުގެ އަޑު ގުގުމަން ފެށީ 2017 ވަނަ އަހަރުއެވެ.

ކުއަޑް އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ 4 ލީޑަރުން ވާޗުއަލް ބައްދަލުވުމެއްގައި / ފޮޓޯ: އަރައުންޑް ދަ ވޯލްޑް ޖާނަލް

ވޮޝިންގްޓަން ޕޯސްޓްގެ އޮޕް-އެޑްގައި ކުއަޑްގެ ލީޑަރުން އިތުރަށް ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ތަކުލީފުގެ ހިތާމަ، ހަމަ ކޮންމެ މީހަކުވެސް ތަހައްމަލު ކޮށްފައި ވާ ކަމަށެވެ. ނަމަވެސް، ކުއަޑްގެ އިއްތިހާދާއެކު، އަލިކަން ވި މަގެއްގެ އުއްމީދު އާވާ ކަމަށްވެސް ކުއަޑްގެ ލީޑަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް ވެކްސިން ކެމްޕޭނާ ގުޅިގެން އޮޕް-އެޑްގެ ލީޑަރުން ވަނީ 2022 ގެ ނިޔަލަށް އިންޑޯ-ޕެސިފިކް ސަރަހައްދުގައި ވެކްސިން މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންމެ މަރުހަލާއެއްގައިވެސް އެއްބާރުލުން ދޭނެ ކަން ހާމަ ކުރައްވާފައެވެ. އެގޮތުން، ސައެންސް، މާލީ އަދި އުފެއްދުންތެރިކަމުގެ ރޮނގުން އެއްބާރުލުން ދީ، ފުރާނަ ސަލާމަތް ކުރުމާ ގުޅިފައިވާ ވެކްސިންގެ ސަޕްލައި ކަށަވަރު ކުރުމުގެ ރޫހެއް ލީޑަރުން ވަނީ ގެންގުޅުއްވާފައެވެ.

އެމެރިކާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ގުޅިފައިވާ އަސްކަރީ ތަމްރީނުތަކެއް ހިންގާފަ / ފޮޓޯ: ކްރިސްޓަފާ ބޯޝް | ޔޫއެސް ނޭވީ

އަދުގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިއްތިހާދުތަކުގެ ލިސްޓުން ޖާގަ ކަށަވަރު ކުރާނެ ކަމަށް ބެލެވޭ ކުއަޑްގެ ގައުމުތަކުން ވަނީ މިނިވަން އަދި ރައްކާތެރި، އިންޑޯ-ޕެސިފިކް ސަރަހައްދެއް ކަށަވަރު ކުރުމަށް އެއްބާރުލުން ދިނުމުގެ ޝިއާރުވެސް ތަކުރާރު ކުރައްވާފައެވެ.

އިންޑޯ-ޕެސިފިކް ސަރަހައްދު އެކުލެވިގެން ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ އިތުރުން ހުޅަނގު އަދި މެދުތެރޭ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ މައްޗަށެވެ. އަދާ ޖެހުނުއިރުވެސް މިލްކުވެރި ކަމުގެ މައްސަލާގައި ބޮޑެތި ކޯޅުންތަކެއް އުފެދެމުން އަންނަ ދެކުނު ޗައިނާ ކަނޑުވެސް އޮންނަނީ މި ސަރަހައްދުގައެވެ.