ބަޣާވާތަކަށް ފަހު މިޔަންމާގެ ކޮންޓްރޯލް ނަގައިގެން އޮތް އަސްކަރިއްޔާއާގެ ބާރުތަކާ ދެކޮޅަށް ވަރުގަދަ އިންގިލާބެއް ކުރިއަށް ގެންދާނެ ކަމަށް، ސިއްރިއްޔާތުގައި ދިރިއުޅުއްވަމުން އަންނަ މިޔަންމާގެ މަދަނީ ލީޑަރަކު ވައުދުވެވަޑައިގެންފިއެވެ.
ފުރަތަމަ ފަހަރަށް އާންމުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން، މާން ވިން ހައިންގް ތާން ވިދާޅުވީ، މިއީ މިޔަންމާ ދުށް އެންމެ އަނދިރި ދުވަސްތައް ކަމަށާ، ނަމަވެސް ފަތިހަކަށް އަލިވިލުން އޮތީ މާ ދުރުގައި ނޫން ކަމަށެވެ.
ފޭސްބުކް މެދުވެރިކޮށް އާންމު ކުރެއްވި މެސެޖުގައި މާން ވިދާޅުވީ، މި އިންގިލާބަކީ، ހުދުމުހުތާރު ވެރިކަމެއްގެ ދަށުގައި އެތައް އަހަރެއް ވަންދެން އަނިޔާ ލިބި، ފިތިގެން ތިބި އެތައް ނަސްލެއްގެ އަހުންގެ ތަކުލީފުތަކަށް ނިމުން ގެނައުމަށް އޮތް ފުރުސަތެއް ކަމަށެވެ.
މާޒީގައި ހިޔާލު ތަފާތުވީ ކަމުގައި ވީ ނަމަވެސް، ހުދުމުހުތާރު ވެރިކަމަކަށް ނިމުން ގެނައުމަށް، އަތާ އަތް ގުޅާލުމަށްވެސް މާން ވަނީ ގޮވާލައްވާފައެވެ.
ސިއްރިއްޔާތުގައި ދިރިއުޅުއްވަމުން އަންނަ މާން އަކީ، މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތް ބަލައިގަތުމަށް އިންކާރު ކުރައްވަމުން ގެންދަވާ މަޖިލިސް މެންބަރުންގެ ގުރޫޕުގައި އިސްކޮށް ހުންނަވާ މަދަނީ ލީޑަރެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ސިފަކުރާ ގޮތުގައި، މާން ނިސްބަތްވާ ސީއާރްޕީއެޗް ގުރޫޕަކީ ޣައިރު ގާނޫނީ ގުރޫޕެކެވެ. އަދި މި ގުރޫޕާ ގުޅޭ ކޮންމެ މީހަކާ ދެކޮޅަށް، ގައުމަށް ގައްދާރުވީ ކަމުގެ ކުށުގެ ދައުވާ އުފުލާނެ ކަމުގެ އިންޒާރުވެސް މިޔަންމާގެ ހުދުމުހުތާރު އަސްކަރިއްޔާއިން ވަނީދީފައެވެ.
އަސްކަރިއްޔާއިން ކުރި ބަޣާވާތާ ދެކޮޅަށް، މިޔަންމާގައި ސިލްސިލާ މުޒާހަރާތައް ކުރިއަށްދާ އިރު، ހޮނިހިރު ދުވަހުގެ ހަމަނުޖެހުންތަކުގައި، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 12 މީހެއްގެ ފުރާނަ ދުއްވާލާފައި ވާކަމަށް ހަބަރު ލިބެއެވެ.
މިޔަންމާގެ މަސްރަހު ދިރާސާ ކުރަމުން އަންނަ ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނާ ގޮތުގައި، ބަޣާވާތުގެ އަސްލެއް ކަމަށް އަސްކަރިއްޔާއިން ވަކާލާތު ކުރާ ނޮވެންބަރު 2020 ގެ އިންތިހާބުގައި، ހަގީގަތުގައި މައްސަލައެއް ނެތެވެ.
1948 ވަނަ އަހަރު، އިނގިރޭސިންގެ އަތްދަށުން މިނިވަންވި ފަހުން، މިޔަންމާގެ ފަހުގެ ތާރީހުގެ ބޮޑު ބައެއް ހޭދަ ކޮށްފައި ވަނީ އަސްކަރީ ވެރިކަމެއްގެ ދަށުގައެވެ.