ސްރީލަންކާގައި މުސްލިމުން މޫނު ބުރުގާ އެޅުން މަނާކޮށް އިސްލާމީ ތައުލީމު ދޭ 1000 އަށް ވުރެ ގިނަ ސްކޫލު ބަންދުކުރަން މަސައްކަތް ފަށައިފިއެވެ.

ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސޭކަރަ ވަނީ އެކަމަކާ ގުޅޭ ލިޔުމުގައި އިއްޔެ ސޮއި ކުރައްވާ ކެބިނެޓަށް ހުށަހަޅުއްވާފައެވެ.

އޭނާ ވިދާޅުވީ، ލަންކާގައި ކުރީގައި މުސްލިމުން މޫނުބުރުގާ ނާޅާ ކަމަށާއި، މޫނު ބުރުގާ އަކީ މާ ފަހުން ސަގާފަތުގެ ތެރެއަށް ވަދެގެން އުޅޭ އެއްޗެއް ކަމަށެވެ. އަދި އެއީ ދީނީ ގޮތުން ހައްދުފަހަނައެޅުމުގެ ކަމެއްގެ ގޮތުގައި އޭނާ ވަނީ އެކަން ސިފަ ކުރައްވާފައެވެ.

ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސޭކަރަ

ލަންކާގެ މެޖޯރިޓީއަކީ ބުޓިސްޓުން ކަމަށް ވާއިރު މައިނޯރިޓީ ނުވަތަ ބައިމަދު މުސްލިމުންނަށް އެކިއެކި ދުވަސްވަރު ތަފާތު ގޮންޖެހުންތައް އަންނަނީ ކުރިމަތި ވަމުންނެވެ. ހާއްސަކޮށް 2019 ވަނަ އަހަރު ހައްދުފަހަނައެޅި ބަޔަކު އެގައުމުގައި ބޮންތަކެއް ގޮއްވާލައި 250 މީހުން މަރާލި ހާދިސާއަށް ފަހު އެ ފިއްތުންތައް ވަނީ ބޮޑުވެފައެވެ.

ލަންކާގެ މުސްލިމުންނަށް މޫނު ބުރުގާ މަނާ ކުރަން މަސައްކަތް ކުރާ އިރު، އިސްލާމީ ތައުލީމު ދޭ 1000 އަށް ވުރެ ގިނަ މަދަރުސާ / ސްކޫލު ބަންދު ކުރާނެ ކަމަށްވެސް ވީރަސޭކަރަ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ސްކޫލުތައް ހަދައިގެން ބޭނުންހާ އެއްޗެއް ކިޔައިވާ ނުދެވޭނެ ކަމަށާއި، އެ މަދަރުސާ ތަކުގައި ކިޔަވައިދޭ އެއްޗަކާ ލަންކާގެ ތައުލީމީ ސިޔާސަތާ ފުށޫއަރާ ކަމަށެވެ.

ލަންކާގައި މުސްލިމުނަށް ތަފާތު އެކިއެކި ފިއްތުންތައް ކުރިމަތި ވަމުން އަންނަ އިރު އެންމެ ފަހުން ފިއްތުންތައް ކުރިމަތިވީ، ކޮވިޑްގައި މަރުވާ މުސްލިމުން ވަޅުލިޔަ ނުދޭން ސަރުކާރުން ނިންމާ ތަންފީޒު ކުރަމުން ދިޔަ ސިޔާސަތެވެ. ނަމަވެސް ބައިނަލްއަގުވާނީ ދުނިޔޭގެ ފާޑުކިޔުންތަކާއެކު ލަންކާ ސަރުކާރުން ގޮތް ދޫކޮށް، ކޮވިޑްގައި މަރުވާ މުސްލިމުން ވަޅުލުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.