ރޭގަނޑު 8 އިން ފެށިގެން ކެފޭ ތަންތަން އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލާފައި އޮތް އުސޫލު 1 ހަފްތާއަށް އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅު) ގައި ހިންގާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، ރޭގަނޑު އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދޭން ކަނޑައަޅާފައި ވާ މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓް އަދި ސައި ހޮޓާތަކުން އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ ރޭގަނޑު އަށަކާ ހަމައަށެވެ. އަދި 10:30 ވަންދެން ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތްތައް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެޗްޕީއޭއިން ބުނީ، އެ ފިޔަވަޅަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އަދި އެޗްޕީއޭގެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާ ކަމަށެވެ.

ރޭގަނޑު އަށެއްގެ ފަހުން ކެފޭ ރެސްޓޯރަންޓް ތަކުން އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުން މަނާ ކޮށްފައި ވާއިރު، އެއީ އެންމެ ގިނަ ބަޔަކު ރެސްޓޯރަންޓްތަކަށް ދާ ގަޑިކަން ފާހަގަ ކޮށްލެވެއެވެ. މިކަމުގެ ސަބަބުން ރެސްޓޯރަންޓް ތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާއިރު، މާގިނަ ދުވަސް ވަންދެން މި ފިޔަވަޅު މިގޮތުގައި ދަމަހައްޓައިފި ނަމަ ވިޔަފާރިތައް ބަންދު ކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން ރެސްޓޯރަންޓްތަކުގެ ވެރިން ވަނީ ފާޅުކޮށްފައެވެ.