ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާ ހިލާފްވުމުން އެސްޓާސް ފިހާރަ ބަންދު ކޮށްފިއެވެ.

އެސްޓާސްއިން ކުރި ޓްވީޓެއްގައި ބުނީ އެ ފިހާރަ ބަންދު ކޮށްފައިވާ ކަމަށެވެ. އެ ޓްވީޓާއެކު އެސްޓާސް އިން ވަނީ އެޗްޕީއޭއިން ހިނގަމުން ދާ އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ކަމުގެ ލިޔުން ހިއްސާ ކޮށްފައެވެ.

އޭގައި ބުނެފައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އާއްމުކޮށްފައި ވާ އުސޫލުތަކާ ހިލާފަށް އެތަނުގައި ހިދުމަތް ދެމުން ގެންދާތީ އެތަން ބަންދު ކޮށްފައިވާ ކަމަށެވެ.

އެގޮތަށް އެންގުމުން 24 ގަޑިއިރު ފަހުން ތަން އިންސްޕެކްޓް ކޮށް މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ކަށަވަރު ކުރުމަށް ފަހު އުސޫލާ އެއްގޮތަށް ހިދުމަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އަލުން ދޭނެއެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކޮށްފައެވެ. އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ހިމެނެއެވެ.