އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ޕީޕީއެމް އިން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ނުކުރާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމުން ބުނީ، މިއަދު ވެސް މެންދުރު ފަހު 2:30 އިން ފެށިގެން ޕީޕީއެމް އޮފީސް ބަންދުކޮށް އެއްވެސް ފަރާތަކަށް ޕާޓީ އޮފީހަށް ވަނުމުގެ ހުއްދަ ނުދީ ސަރުކާރުން ދަނީ ހިފަހައްޓަމުން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތް ކުރާ އިދާރީ މުއައްޒަފުންނަށް ވެސް ޕީޕީއެމް އޮފީހަށް ނުވަދެވޭނެ ކަމަށް ބުނެފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

މިކަމާ ގުޅިގެން ޕީޕީއެމުން ވަނީ އީސީއަށް ޝަކުވާ ވެސް ހުށަހަޅާފައެވެ. ޕީޕީއެމުން އީސީއަށް ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ، އިންތިހާބާ ގުޅޭ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތްތަކާއި އަދި އެހެނިހެން ގިނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ، އެކަން ހުއްޓުވައި ދިނުމަށެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު ވަރަށް ދަންވަންދެން ފުލުހުން މެދުވެރިކޮށް ޕާޓީ އޮފީހަށް އައިސް ގޮސް އުޅޭ މީހުންނަށް އޮފީހަށް ނުވަދެވޭ ގޮތަށް އޮފީސް ބަންދު ކޮށްފައި ބެހެއްޓުމާއި، ޕާޓީ އޮފީހަށް ދަތުރު ކުރާ މަގު، ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ކަންމަތިން ފެށިގެން ގޮސް ހިތިގަސް މަގު ބޮޑުފުންގަނޑު މަގު ކަންމައްޗާއި ހަމައަށް ބަންދުކޮށްފައި ހުރުން މައްސަަލައެއްގެ ގޮތުގައި ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ރީރަޖިސްޓްރޭޝަން ފޯމުތައް ހުށަހެޅުމުގެ މަސައްކަތްތައް ކުރެވެމުން ދިޔައިރު ވެސް ސަރުކާރުން ވަނީ އެ ޕާޓީގެ ފަރާތުން ކުރަމުންގެން ދިޔަ އިންތިހާބީ މަސައްކަތަތަކަށް ވެސް ހުރަސް އަޅާފައި ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން ވެސް ޕާޓީ އޮފީސް ދޮރުމަތީ ފުލުހުން ތިބޭ ކަމަށާއި، އޮފީހަށް ގޮސް އައިސް އުޅޭ އެންމެންނާ ސުވާލުކޮށް ބަލާ ފާސްކޮށް، ހައްޔަރު ކުރަމުން ގެންދާ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން ބުނީ އެ ކަމަކީ އިންތިހާބާ ގުޅިގެން އެ ޕާޓީން ކުރަމުން ގެންދާ އިދާރީ އަދި އަމަލީ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމުގައި ދެކޭ ކަމަށެވެ. އަދި މިކަން އީސީން ނުހުއްޓުވައިފި ނަމަ، މިކަމަކީ ސަރުކާރާއި، ސަރުކާރުގެ ކެންޑިޑޭޓުންނާ ގުޅިގެން އީސީން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލެއް ކަމުގައި ދެކޭ ކަމަށް ޕީޕީއެމުން ބުނެއެވެ.

އެހެންކަމުން އީސީން ގާނޫނު އަސާސީން ލާޒިމު ކުރާ ޒިންމާ މަސްއޫލިއްޔަތު އަދާ ކުރުމަށް ގޮވާލައި، އެޕާޓީގެ މަސައްކަތްތައް ހހުއްޓުވުމަށް ކުރާ ކަންކަން ހުއްޓުވުމަށާއި އިންތިހާބުގައި ހުރިހާ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާ މިނިވަން ކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމށް ޕީޕީއެމުން ގޮވާލާފައި ވެއެވެ.