ކަރަންޓީނު ނުވެ ކެމްޕޭނު ކުރެވޭގޮތް އެޗްޕީއޭއިން ހަދައިފިއެވެ.

އެޗްޕީއޭއިން އާއްމުކުރި އިއުލާނެއް ބުނީ ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިޔަށް ގެންދިޔުމުގެ އުސޫލަށް އިސްލާހް ތަކެއް ގެނެސްފައިވާ ކަމަށެވެ.

ކެންޑިޑޭޓުން ތާއީދު ހޯދުމުގައި އަމަލު ކުރަން އެޗްޕީއޭއިން ކަނޑައެޅި ހާއްސަ ގައިޑްލައިން

އެ އުސޫލުގައި ބުނެފައިވަނީ ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަންވާނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކަމަށް ކަނޑައަޅައި އާންމު ކުރާ ހާއްސަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އޭގެ އިތުރުން ދަތުރުކުރާ އެއްވެސް ކެންޑިޑޭޓަކު ނުވަތަ ފަރާތަކުން ގައިޑްލައިނުގައި ބަޔާން ކޮށްފައި ވާ އުސޫލުތަކާ ހިލާފަށް އަމަލު ކޮށްފިނަމަ، ދެން އެ ކެންޑިޑޭޓަކަށް ނުވަތަ ފަރާތަކަށް ތާއީދު ހޯދުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ "ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި (ޓްރެވަލް ރިލޭޓެޑް) ކަރަންޓީނު ކުރުމާއި، ކަރަންޓީނު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު" އާ އެއްގޮތް ވާ ގޮތުގެ މަތިން ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.

އެ އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެއުސޫލު ޝާއިއުކުރާ ތާރީހުން ފެށިގެން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ.