ފެނަކަ ކޮރަޕްޝަނާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވާ ރިޕޯޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މުއްދަތެއް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވާޗުއަލްކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އޭސީސީން ތަހުގީގު ކުރާ ފެނަކައިގެ މައްސަލަތަކަކާ ގުޅޭ ރިޕޯޓެއް ލިބިވަޑައިގެންފައި ވާ ކަމަށާއި ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޕީސީބީން މައްސަލަތައް ބަލައި ފެނަކަ އިސްލާހުވާން މުއްދަތެއް ދެއްވާނެ ކަަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި މައްސަލައަށް ހައްލެއް ނުގެނެސްފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ބުނާނަން ވަކި މުއްދަތެއްގެ ތެރޭގައި މީގައި ހުރި ކަންކަން ބަދަލުކުރަން ޖެހޭނެއޭ. އެއަށް ފަހު އެ ބަދަލުތައް ނުގެންނަ ކަމުގައިވާ ނަމަ ދެން އަޅަން ޖެހޭ ފިޔަވަޅު އަޅާނަން. އެއީ ހުރިހާ ކުންފުންޏަކާ ދޭތެރޭގައި ވެސް އަމަލުކުރާނެ ގޮތް،
ރައީސް

މުއްދަތެއް ދޭން ނިންމާފައި ވާއިރު، ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރަނީ ކުންފުނީގެ އަގު ވައްޓާލަން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނެފައި ވަނީ ކުންފުނިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާ ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުން ދަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެ މައްސަލަތައް ބަލަން ފެށީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް ހުށަހެޅި 27 މައްސަލައިގެ ތެރެއިންނެވެ. އެކަމަކު އެ ތުހުމަތުތައް ސައީދު ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވާ ގޮތުގައި އޭސީސީއަށް ބަޔަކު ދިއުމަކީ "ސިޔާސީ ގޮތުން ރޭވުމެއް" ކަމަށެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާން ކޮށްފައިވާ މި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތް ކަން ރައީސްގެ ސަމާލުކަމަށް އޭސީސީން ގެނައި އިރު އޭސީސީން އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.