ސިޔާސީ ގޮތުން ބަލާނަމަ، ވެރިކަން ކުރަން 5 އަހަރަކީ ދިގު މުއްދަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، ތަރައްގީ ވަމުން އަންނަ އަދި ގިނަ މަޝްރޫއުތަކެއް ހިންގަން ޖެހޭ ގައުމެއްގައި ރަނގަޅު ގައުމީ ސިޔާސަތެއް ނެތިއްޔާ 5 އަހަރަކީ ރަނގަޅު މުއްދަތެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އަދި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސިޔާސަތުތައް ބަދަލު ވާ ނަމަ، އެއީ ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށެވެ.

ނަމަވެސް ސިޔާސީ ގޮތުން ބަލާނަމަ ފަސް އަހަރަކީ ދިގު މުއްދަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބު ވާ މީހުން ވީހާވެސް އަވަސް އަވަހަށް ރައްޔިތުންނާ ހަމައަށް ދެވޭ ގޮތަށް އޮތުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި ރިޔާސީ ދައުރެއް 5 އަހަރަށް އޮތުމަކީ ކޮންމެހެން އޮންނަން ޖެހޭ ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއަށް ވުރެ ކުރުވެސް ކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަން ކުރެވޭނީ އެންމެން އެއްބަސްވާ ސިޔާސަތުތަކެއް ހުރެގެން ކަމަށާއި، ސަރުކާރު ބަދަލުވިޔަސް، އެ ސިޔާސަތުތައް ބަދަލު ނުކުރާ ނަމަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮ ނުވާނެ ވި ވައުދުތައް ނުފުއްދާ، ރައްޔިތުން ގަބޫލެއް ނުކުރާނެ. ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެއީ
ރައީސް ސޯލިހް

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ވެރިކަމަށް އަންނަ ގޮތަށް ކުރިއަށް އޮންނަ ދައުރަށް ކުރިމަތިލާން ކަނޑައަޅައިފި ނަމަ ރައްޔިތުންނަށް ހިދުމަތެއް ނުކުރެވޭނެ އެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެމަނިކުފާނު ވައުދު ވެ ވަޑައިގެންނެވި މަޝްރޫއުތައް ހިންގުމަށް ކަމަށާއި، އެހެން ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށެވެ.