ޖަލުގައި ބަންދުކޮށްފައި ތިބި ކުށްވެރިން ދޫކުރުމަށް ރައީސް އޮފީހުން ފައިސާއެއް ނުނަގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ރައީސް އޮފީހުގެ ތެރެއިން މީހެއްގެ އަތުން ފައިސާ ނަގާފައި ކުށްވެރިއަކަށް ލުއި ދީފައި ނޯންނާނެ ކަމަށާއި، އެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކްލެމެންސީ ބޯޑަށް މައްސަލަ ހުށަހަޅައިގެން ކުށްވެރިންނަށް ލުއި ދިނުމާއި، ކްލެމެންސީ ގާނޫނުގެ ދަށުން މީހުންނަށް ލުއި ދިނުމަކީ ކުށްވެރިންނަށް ލުއި ދިނުމުގައި ސަރުކާރުން އަމަލު ކުރަމުން ދާ އުސޫލު ކަމަށެވެ. އަދި އެކަން ކުރަނީ ކަރެކްޝަންސް އާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި ޖަލު ހުކުމުގެ 4 ބައި ކުޅަ އެއްބައި ހުކުމް ތަމްފީޒު ކުރުމުން، ރައިސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ބަލި ހާލަތާއި އެހެނިހެން ކަންތައްތަކަށް ރިއާޔަތް ކޮށް ކުށްވެރިންނަށް ލުއި ދިނުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިއަކު ސުވާލު ކުރީ ކުށްވެރިން ދޫކުރަން ރައީސް އޮފީހުން ނަގަނީ ކިހާ އަދަދެއްގެ ފައިސާތޯއާއި، ކުށްވެރިން ދޫކުރުމަށް ފައިސާ ނުނަގާނަމަ، އެކަން އެގޮތަށް ކުރާ ކަމަށް ވިދާޅުވެ ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިތުރުފުޅެއް ހައްދަވާނެ ކަމަށް ގަބޫލު ކުރެވޭތޯއެވެ.

ރައީސް އޮފީހާއި ދެކޮޅު މި ތުހުމަތު ކުރައްވާފައިވަނީ މަޖިލީހުގެ ރައީސް ކަމަށްވީ އިރު ރައީސް ސޯލިހް ސުވާލުގެ މިބަޔަށް ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.