ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް އިތުބާރު އެބް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، މިނިސްޓަރު ނަހުލާއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު ގާނޫނީ ފުށު އެރުންތަކެއް ހުރުމުން އެ އޮތޯރިޓީ އުވާލުމާ ގުޅެގޮތުން ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާ، އެ އޮތޯރިޓީގެ ބާރުތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ނަގަން ނިންމާފައި ވާ ކަމަށެވެ.

އަދި މިކަން ކުރަނީ މިނިސްޓަރު ނަހުލާއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާއިރު، އެތަނުގައި ވެސް ވަރަށް ރަަގަނޅު މުވައްޒަފުން އެބަތިބި ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންނަށް ވެސް ދެރަގޮތެއް ނުވާނެހެން ކަންކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ