ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ފްރޭމް ކުރީތޯ ނޫންތޯ ނިންމާނީ ފުލުހުންގެ ތަހުގީގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތު މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި، ތަހުގީގު ކުރަނީ އޭނާ ފްރޭމް ކުރި ކަމަށް ބަލައިގެން ނޫން ކަމަށެވެ.

އަދި އަލީ ވަހީދު ފްރޭމް ކުރީތޯ ނުވަތަ އެއީ ހަގީގަތުގައި ވެސް ހިނގައި ދިޔަ ކަމެއް ތޯ ތަހުގީގު ނިމުމުން ނިމޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ މަސައްކަތްތައް އެންމެ ބުރަ ދުވަސްކޮޅު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަރަށް ތަފްސީލުކޮށް އަލީ ވަހީދުގެ ވާހަކަ އެމަނިކުފާނަށް ކިޔައި ދިން ކަމަށާއި، އެ ޝަކުވާތައް ޖެންޑާ މިނިސްޓަރު ވެސް ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވި ކަމަށެވެ. އަދި މިނިސްޓަރަކާ ބެހޭގޮތުން އެވަރުގެ ކަންތައްތަކެއް އައިމަ، މަގާމުން ދުރަށް ޖެހި ވަޑައިގަންނަވަން ޖެހޭނެ ކަމަށް ގަބޫލު ކުރެވުނު ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.

މި ޝަކުވާތައް ރައީސް ސޯލިހަށް ހުށަހެޅުމާއެކު، އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.