ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ފައިސާ ފޮނުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައި ވާ ގޮތުގައި، މިނިސްޓަރު ނަހުލާ ހިންގެވި ކަމަށް ބުނާ ޓްރާންސެކްޝަންގެ މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއޭޔޫ) އިން ދަނީ ބަލަމުންނެވެ. އަދި އެ ކަން ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އެމްއެމްއޭއާ ސުވާލު ކުރުމުން ބުނީ، މިފަދަ މައްސަލަތަކުގައި ވަކި ވަކި މީހުންގެ މައުލޫމާތު އެފްއޭޔޫއިން ހާމަ ނުކުރާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން ބުނީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

މިނިސްޓަރު ނަހުލާ، ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ފައިސާ ފޮނުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވާއިރު، މިނިސްޓަރު ނަހުލާގެ އާއިލީ މީހަކު ސީރިއާގައި ހަރަކާތްތެރިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓެރަރިޒަމަށް ފައިނޭންސް ކުރުމަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުން މަނާ ކޮށްފައި އޮންނަ ކަމެކެވެ. އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުމާއެކު ޖަލަށް ލުމެވެ.