މިއަދު ހަވީރު 4:00 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު 4:00 ޖަހާއިރު ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވާނީ ވާޗުއަލް ކޮށް ކަމަށެވެ.
މިއީ ވާޗުއަލްކޮށް ބާއްވަވާ ރައީސް ސޯލިހްގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. އެންމެ ފަހުން ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައި ވަނީ މިދިޔަ އަހަރު ޖޫން 23 ވަނަ ދުވަހެވެ. އެއީ ކޮވިޑް ބަލިމަދުކަމުގެ ތެރޭގައި ވީ ނަމަވެސް ނޫސްވެރިންގެ އެ ބައްދަލުވުން ބޭއްވީ ރައީސް އޮފީހުގެ ގޯތިތެރޭގައި ގައި ދުރު ކަމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުއެވެ.
ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސް ވުމާ ގުޅިގެން ދާދިފަހުން ބައެއް ނޫސްވެރިން ވަނީ އެމްޑީޕީ އޮފީހުން އެމަނިކުފާނު ނިކުންނަވަނިކޮށް ގޮސް، ނޫސްވެރިންނާ ބައްދަލު ކުރައްވާނީ ކޮން ތާރީހެއްގައި ތޯ ސުވާލު ކޮށްފައެވެ. އެރޭ ރައީސް ސޯލިހް ވަނީ ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރު ކުރެއްވިއްޖެ ނަމަ ނޫސްވެރިނާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުން އޮންނަކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
މީޑިއާއަށް ފިއްލަވައިގެން ނޫޅުއްވާނެ ކަމަށާއި ކޮންމެ މަހަކު އެއްފަހަރު ނޫސްވެރިންގެ ބައްދަލުވުން ބާއްވަވާނެ ކަމަށް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެންމެ ފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ މީގެ 9 މަސް ކުރިން ޖޫން 23، 2020 ގައެވެ. އޭގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މާޗް 25، 2020 ގައެވެ.
ރައީސް އޮފީހަށް އައްޔަން ކުރި އާ ތަރުޖަމާނާއެކު، އެ އޮފީހުން މިހާރު ދަނީ މަހަކު ދެފަހަރު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.