ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރަން ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިހެން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އިންތިހާބަށް ހުރި ދަތިތަކުގެ ވާހަކަ ދައްކަވަމުން، އިލެކްޝަން ކޮމިޝަނުގެ މެންބަރުން ވަނީ، އިންތިހާބަށް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތުމުން، އިންތިހާބަށް ފަހު ބައެއް ފަރާތްތަކުން ކޯޓަށް ގޮސްދާނެ ކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އީސީން ކަންބޮޑުވުން ފާޅު ކުރުމުން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވަޑައިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ އެއްވެސް ފަރާތަކަށް ކެންޑިޑޭޓެއްގެ ގޮތުގައި ފުރުސަތުތަކެއް އެޗްޕީއޭއިން ދީފައި ނޯންނާނެ ކަމަށެވެ. އަދި ފުރުސަތުތައް އޮތީ އުސޫލުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލާފައިވާކަން ފާހަގަ ކުރައްވާ މައިމޫނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކެމްޕޭން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މައިމޫނާ ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ ގައިޑްލައިނަކީ ބަލި ނުފެތުރޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެކުލަވާލާފައިވާ ގައިޑްލައިނެއް ކަމަށެވެ. އަދި އާންމު އުސޫލާ ތަފާތުކޮށް ބޮޑެތި ލުއިތަކެއް ދީފި ނަމަ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ނަމަވެސް، ކޮމިޓީގެ މެންބަރުން ވަނީ އިންތިހާބަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައި ނެތްކަން ފާހަގަ ކުރައްވާ، އިންތިހާބަށް ކެމްޕޭނު ކުރަން ލުއި ގޮތެއް ހަމަޖައްސައި ދިނުމަށް އެދިފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ލުއި އުސޫލެއް ހުށަހަޅާ، ކޮމިޓީއާ ހިއްސާ ކުރަން އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެންގެވިއެވެ. ޖަވާބުގައި މައިމޫނާ ވިދާޅުވީ އިންތިހާބަށް ކެމްޕޭނު ކުރަން ހާއްސަ އުސޫލެއް ހަމަޖެހޭތޯ ބައްލަވާނެ ކަމަށެވެ.

އިންތިހާބަށް ލުއި ގޮތްތަކެއް ހަމަޖެހޭތޯ މަޝްވަރާ ކުރަމުން ދާއިރު، އިންތިހާބު ބާއްވަން ހަމަޖެހިފައި އަންނަ މަހު 10ގައެވެ.